ޚަބަރު

މޫސުން ގޯސްވެ ބޮޑު ޞަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި


  • އެލަރޓް ނެރެފައިވަނީ މިރޭ 10:00އާ ހަމައަށް

  • ސަމާލު ނެރުނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް

  • ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަޙައްދަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެލަރޓް ނެރެފައިވަނީ މިރޭގެ 10:00އާއި ހަމައަށެވެ.
އެ އިދާރާއިން ވިދާޅުވީ މި ގަޑިތަކުގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށެވެ. އެގޮތުން ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ވިދާޅުވެއެވެ. ރާޅުގެ އުސްމިން 5-7 ފޫޓަށް ހުންނާނެއެވެ. އެހެންކަމުން ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހާ ހަމައަށް ކުރަމުންދާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.