ކުޅިވަރު

ރޮމޭނިއާގެ ރަނގަޅު ފެށުމާއެކު ބޭނުމީ އިތުރަށް ކުރިއަށްދާން: އިއޮޑަނެސްކޫ


"
އަހަރެމެންގެ ފެންވަރަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް
ރުމޭނިއާގެ ކޯޗު، އެޑްވަޑް އިއޮޑަނެސްކޫ

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ނިކުންނައިރު، ރޮމޭނިއާ އިން ބޭނުންވަނީ ރަނގަޅު ފެށުމާއެކު މުބާރާތުގައި އެގޮތަށް ކުރިއަށްގެންދަން ކަމަށް އެ ޓީމުގެ ކޯޗު އެޑްވަޑް އިއޮޑަނެސްކޫ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއޮޑަނެސްކޫ ބުނީ، އޭނާގެ ޓީމުގެ ފެންވަރު އެބަހުރި ކަމަށާއި، އެ ފެންވަރަށް އިތުބާރާއެކު ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރޮމޭނިއާ ވާދަކުރަންޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމުން ނިކުންނާނީ މޮޅެއް ހޯދުމަށް ކަމަށް އިއޮޑަނެސްކޫ ބުންޏެވެ. އަދި އެއީ މުޅިން އައު ޗެލެންޖެއް ކަމަށާއި، ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އުޅޭ އެ ޓީމަށްވެސް މެޗުން ރަނގަޅު ނަތީޖާއެއް ބޭނުންވާއިރު އޭނާގެ ޓީމަށް ވެސް ތަފާތު ތަޖުރިބާއަކަށް މިކަން ވެގެންދާނެ ކަމަށް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ.

ރޮމޭނިއާގެ ހުރިހާ ކުޅުންތެރިންވެސް އެ މީހަކަށް ކުރެވެން އޮތް ވަރަކަށް ބުރަކޮށް މަސައްކަތްކޮށް، މެޗު ކާމިޔާބުކުރުމަށް އެއްބައިވަންތަކަމާއެކު އެއް ރޫޚެއްގައި ނިކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އިއޮޑަނެސްކޫގެ ވާހަކައިގައި ފާހަގަކުރިއެވެ.

"އަހަރެމެންގެ އެންމެ ބެސްޓް ދޭނަން،" އިއޮޑަނެސްކޫ ބުންޏެވެ.

ރޮމޭނިއާގެ ޑިފެންޑަރު، ރަޑޫ ޑްރަގޫސިން ބުނީ، މެޗަށް އެ ޓީމުން އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. ފުރަތަމަ މެޗަށްފަހު ވަރަށް ބޮޑު އިތުބާރަކާއި ހިތްވަރެއް ލިބިފައިވާ ކަމަށް ވެސް ޑްރަގޫސިން ވަނީ ބުނެފައެވެ.

އެންމެ ކުރިއްސުރެ ޕްރެޝަރު އޮތް ކަމަށާއި، ހާއްސަކޮށް ގައުމީ ޓީމަށް ކުޅޭއިރު ޕްރެޝަރު ނެތުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ޑްރަގޫސިން ފާހަގަކުރިއެވެ. އަދި ރޮމޭނިއާ އިން ފުރަތަމަ މެޗުން މޮޅުވެފައިވާކަމަށާއި، ކުރިއަށް އޮތް މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ވެސް ޑްރަގޫސިން ބުންޏެވެ.

މުބާރާތުގައި ރުމޭނިއާ އިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރުއެވެ.