ޚަބަރު

ދެވަނަ ބުރަށް ދިޔުމަށް ތުރުކީ މެޗު ވަރަށް މުހިންމު: މާޓިނޭޒް


"
އެއް ގޯލު ފަހަތަށްދިޔަސް، މެޗުގެ ނަތީޖާ އަނބުރާލެވޭނެކަން އަހަރެމެންނަށް އެނގޭ،
ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް

ޔޫރޯ 2024 ގެ ގްރޫޕް އެފްގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ވަނީ، އެ ޓީމަށް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމަށްޓަކައި ތުރްކިޔޭއާ ދެކޮޅަށް ކުޅޭ މެޗު ވަރަށް މުހިއްމު ކަމަށް ބުނެފައެވެ.

ޗެކް ރިޕަބްލިކް މެޗަށްފަހު އޭނާގެ ޓީމު މިހާރު ރަނގަޅުވާނެ ކަމަށާއި، އެންމެ ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. މި މެޗަށް ތައްޔާރުވުމުގައި ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިން ވެސް އިސްތިސްނާ ނުވާނެ ކަމަށް ވެސް މާޓިނޭޒް ބުނެފައިވެއެވެ.

ކުރީ މެޗަށްވުރެ ތުރްކިޔޭއާ ކުޅޭ މެޗު ތަފާތުވާނެ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ. އަދި އެ މެޗުގައި އެހާ އަވަހަށް ޗެކް ރިޕަބްލިކުން 'ލޯ ބްލޮކް' ޑިފެންސަށް ކުޅެން ޕްލޭންކޮށްފައިނުވާނެ ކަމަށް މާޓިނޭޒް ބުންޏެވެ.

އެހެން އެގޮތަށް މެދުވެރިވީ އޭނާގެ ޓީމުން މެޗު ފެށިގެން ކޮންޓްރޯލްކޮށް އެމީހުންނަށް އުނދަގޫތައް ކުރިމަތިކުރުވީމަ ކަމަށް މާޓިނޭޒްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

"ތުރުކީގައި އޮތީ ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ މިކްސްއެއް،" ތުރްކިޔޭ ޓީމުގެ ކޮލިޓީއާ ބެހޭގޮތުން މާޓިނޭޒް ބުންޏެވެ.

އެމީހުންގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ކަމަށްވާ، އާރްދާ ގުލާ އާއި ކެނާން ޔިލްޑީޒް އަކީ މުހިއްމު ކުޅުންތެރިން ކަމަށާއި، ހަކާން ޗައަނޮގްލޫ ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި ތުރްކިޔޭ ޓީމު ނުރައްކާވާނެ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

އަދި އެ ޓީމުން ވަރަށް ރަނގަޅަށް ބޯޅަ ގެންގުޅޭ ކަމަށާއި، ހާއްސަކޮށް ކޯޗުގެ އިރުޝާދުގެ ދަށުން ވަރަށް ރަނގަޅު ޑިފެންސިވް ސްޓްރަކްޗަރ އަކަށް ކުޅެމުން އަންނަކަން ވެސް މާޓިނޭޒް ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ތުރްކިޔޭއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.