ޚަބަރު

ވޭމަންޑޫގައި ސައިކަލް ޓޯވ ކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތްދަނީ އިތުރަށް ބަލަމުން: ފުލުހުން


  • ފުލުހުން މުޢާމަލާތުކުރި ގޮތާއި މެދު ކަންބޮޑުވުން ޢާއިލާގެ އެބައޮތް

  • މި މައްސަލައިގައި ކަންކުރިގޮތް އިތުރަށް ފުލުހުން ދަނީ ބަލަމުން

ގަވާއިދާ ޚިލާފަށް ސައިކަލް ދުއްވި މީހަކު ހުއްޓުވާ ޖޫރިމަނާކޮށް ސައިކަލް ޓޯވކުރި މައްސަލައިގައި ފުލުހުން ޢަމަލުކުރި ގޮތާއިމެދު ޢާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ މައްސަލަ އިތުރަށް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ ލައިސަންސް ނެތި ގަވާއިދާ ޚިލާފަށް ސައިކަލް ދުއްވި މައްސަލައެއްގައި ސައިކަލް ދުއްވި މީހާގެ ސައިކަލް ޓޯވކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުން ޢަމަލުކުރިގޮތާއި މެދު ތުހުމަތުކޮށް ވީޑިއޯއެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ. މިމައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއިމެދު މައްސަލައިގައި ހިމެނޭ ސައިކަލު ދުއްވި ފަރާތުގެ ޢާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާގުޅިގެން ފުލުހުން ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހު ތ.ވޭމަންޑުގައި ކުރިއަށްދިޔަ ޙަރަކާތަކާއި ގުޅިގެން އެސަރަޙައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް އެކަން އަންގައިދޭ ބޯޑު ހަރުކޮށް އެސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންކޮށްފައިވާކަމަށެވެ.

މިގޮތަށް ބަލަހައްޓަމުން ދަނިކޮށް ބަންދުކޮށްފައިވާ ސަރަޙައްދަށް ބާރު ސްޕީޑުގައި ސައިކަލެއް ވަދެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ބަންދުކޮށްފައިވާ ސަރަޙައްދުގައި ސައިކަލު ޕާކުރުމަށްފަހު އެނބުރި އެސަރަޙައްދުން ނުކުމެގެން ދަނިކޮށް އޭނާ ހުއްޓުވާ ބެލިއިރު އޭނާގެ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ލައިސަންސް ނެތި ދުއްވި މައްސަލައިގައި ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް 15 ދުވަހުގެ މުއްދަތަކަށް ސައިކަލު ޓޯވކޮށްފައިވަކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންނަމަވެސް މިމައްސަލައިގައި ފުލުހުންގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތާއި މެދު ޢާއިލާގެ ކަންބޮޑުވުން ހުރުމާއެކު އެކަން އިތުރަށް ބަލަމުންދާނެކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރާނެކަމުގެ ޔަޤީންކަން ފުލުހުންވަނީ ދެއްވާފައެވެ.