ޚަބަރު

ޔޫކްރެއިނުން ފަހަތުން އަރައި ސްލޮވާކިއާ ބަލިކޮށްފި، ގްރޫޕް ވާދަވެރިވެއްޖެ!


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިން އިން ފަހަތުން އަރާ ސްލޮވާކިޔާ ބަލިކުރުމުން، ގްރޫޕްގެ ވަދަވެރިކަން ބޮޑު ވެއްޖެ އެވެ. މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ 2-1 ނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ސްލޮވާކިޔާއިން ނެވެ. މެޗުން މޮޅުވެގެން ދެވަނަ ބުރު ޔަގީން ކުރެވެން އޮތް ޓީމަށް ލަނޑު ޖަހައިދިނީ 17 ވަނަ މިނިޓްގައި އިވާން ސްކްރާންޒް އެވެ. ލޫކަސް ހަރަސްލިން ނަގައިދިން ހުރަސް ބޮލުން ޖަހާ ސްކްރާންސް ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. އޭގެ މިނިޓެއް ކުރިން ސްލޮވޭކިޔާއަށް ލިބުނު ހިލޭޖެހުން ޑޭވިޑް ހަންކޯ ފޮނުވާލުމުން ކީޕަރު ހުށިޔާރު ކަމާއެކު ދިފާއުކުރި އެވެ.

ޔުކްރެއިން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 54 ވަނަ މިނިޓްގައެވެ. ޒިންޗެންކޯ އަރިމަތިން ނަގައިދިން މޮޅު ހުރަސް މައިކޯލާ ޝަޕަރެންކޯ ޕެނަލްޓީ ސްޕޮޓާ ހަމައިން އެއްފަހަރުން ޖަހާ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. މެޗުގެ ފަހު 10 މިނިޓްގައި ޔުކްރެއިން އަށް ލީޑް ނަގައިދިނީ ޔަރެމްހުކް އެވެ. އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ގޯލް އޭރިޔާ ކަނާ ހަމައިން ފައި މައްޗަށް ކޮންޓްރޯލް ކޮށްލުމަށްފަހު އޭނާ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރަށް ޖާގަ ނިލިބޭނެ ހެން، ކަނާއަތް ފަޅިއަށެވެ.

މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލްކޮށް ގިނަ ފުރުޞަތު ހޯދީ ޔުކްރެއިން އެވެ. އެކަމަކު ދެވަނަ ހާފްގައި ޔުކްރެއިން އިން ވަނީ ކޮންޓްރޯލް ހޯދާ އެޓޭކް ކޮށްފައެވެ. މެޗު ފަށައިގެން ފުރަތަމަ 10 މިނިޓްގެ ތެރޭގައި ގާތް ގަތުގައި ސްލޮވާކިޔާއިން ނުރައްކާތެރި ދެ ބޯޅައެއް ފޮނުވާލި އެވެ. ފުރަތަމަ ލުކަސް ހަރަސްލިން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. ޖެހިގެން އައި މިނިޓްގައި ގޯލްއޭރިޔާ ތެރެއިން އިވާން ޝުރަންޒް ފޮނުވާލި ބޯޅަވެސް ދިފާއުކުރީ ކީޕަރެވެ.

ފުރަތަމަ ހާފްގައި ޔުކްރެއިންގެ އެންމެ ރަނގަޅު އެޓޭކަކީ 28 ވަނަ މިނިޓްގައި އާޓެމް ޑޯވްބައިކް ގޯލްއޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ބާރު ބޯޅައެވެ. އެބޯޅަ ސްލޮވީކިޔާގެ ޑިފެންޑަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. އޭގެ ދެ ފަހުން އޮލެގްޒެންޑަރ ޓައިމްޗީކް ޕެނަލްޓީ އޭރިޔާ ތެރެއިން ކަނާ ދިމާލުން ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފްގައި މުޑްރީކް ގޯލް އޭރިޔާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލެވުނީ ކީޕަރާ ދިމާއަށެވެ.

ދެވަނަ ހާފްގައި ޒިނެޗްނެކޯ ޑީއޭރިޔާ ކައިރިން ފޮނުވާލި ބާރުބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ. ލީޑް ނެގުމުގެ ކުރިން މުޑްރީކްއާއި ރޯމަން ޔަރެމްހުކް ގުޅިގެން ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ މުޑްރީކް ފޮނުވާލި ބޮޅަ އަމާޒުވީ އަރިމަތި ދަނޑިއަށެވެ. ބޯޅަ ދިޔަ ދިމާ ކީޕަރު ރަނގަޅަށް ކަވަރު ކޮށްފައި ހުރުމުން ސީދާވި ނަމަވެސް އެބޯޅަ ގޯލަށް ވަނުމުގެ ފުރުޞަތު ކުޑަ އެވެ. ޔަރެމްޗުކްގެ ޕާސް ރަނގަޅު ނުވުމުން މުޑްރީކް އަށް ބޯޅަ ރަނގަޅަށް ބޭނުން ނުކުރެވުނީ އެވެ. ރަރެމްޗުކް ޔުކްރެއިން އަށް ލީދް ނަގައިދިނީ އޭގެ ދެ މިނިޓް ފަހުންނެވެ.

ޔުކްރެއިންގެ މިމޮޅާއެކު މިގްރޫޕްގެ ތިން ޓީމެއް ތިން ޕޮއިންޓާއެކު އެބައޮތެވެ. އެއީ ޔުކްރެއިންއާއި ސޮލޮވާކިޔާގެ އިތުރުން ރޮމޭނިޔާ އެވެ. ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބެލްޖިއަމް އެވެ.