ޚަބަރު

އޭސީސީގެ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވުމުގެ ވިސްނުމެއް ނެތް: ޝާމިލް


  • އޭސީސީގެ ބަޖެޓުގެ 80 އިންސައްތަ ދަނީ މުސާރަ، ކުލި އަދި ދުވަހު ޚަރަދަށް

  • ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތައް ޚަރަދު ކުރަން އޮންނަނީ ބަޖެޓުގެ 20 އިންސައްތަ

  • އެހެން ޤައުމުތަކުގެ އެންޓި ކޮރަޕްޝަނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ދައުލަތުގެ ބަޖެޓަށް ބާރޯސާނުވެ މަސައްކަތް ކުރަމުންދާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓަކީ ބޮޑު ބަޖެޓެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ބަޖެޓުން ޚަރަދު ކުރެވޭ ކަންކަމަށް ބަލާއިރު، ކޮމިޝަނުގެ ބަޖެޓުގެ 80 އިންސައްތަ ދަނީ މޫސަރައާއި ކުލި އަދި އޮފީހުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ޚަރަދުތަކަށް ކަމަށެވެ.

މިއާއެކު ޤާނޫނުން އޭ.ސީ.ސީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޒުކުރަން މިއޮންނަނީ ކުޑަ ބަޖެޓެއްކަން ކޮމިޝަނުން ފާހަގަކުރައްވައެވެ.

"ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މިކުރަން ޖެހޭ މަސައްކަތްތައް، އިންވެސްޓިގޭޝަނަށް ކުރަން ޖެހޭ ދަތުރުތައް، އިންވެސްޓިގޭޝަންގައި ކުރަން ޖެހޭ ކަންކަން، އިންވެސްޓިގޭޝަން ކުރިއެރުވުމަށް ހޯދަން ޖެހޭ ތަކެތި، ދިރާސާކުރުން، ޕޮލިސީ މޭކިންގް.. މި ނޫންވެސް ދައުލަތުގެ ތެރޭ ހިންގަން ޖެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ކިޔަވައި ދިނުން، މިކަހަލަ ހުރިހާ ކަމެއް ކުރަން އޮތީ މުޅި ބަޖެޓުގެ 20 އިންސައްތަ." ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، މި ޙާލަތުގައިވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް މާލީ މިނިވަންކަން ހޯދުމަށް ދައުލަތުގެ މުޢައްސަސާތަކާއި ގުޅިގެން އަބަދުވެސް މަސައްކަތް ކުރެވޭ ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބައިނައަޤްވާމީ މުޢާހަދާގައި ރާއްޖެ ބައިވެރިވެފައިވާއިރު، ކުރަން ޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުތަކާއި ގުޅިގެން ކުރެވޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭ.ސީ.ސީގެ ރައީސް ވިދާޅުވީ، މާލީ ގޮންޖެހުން ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ދެއްވާ ބަޖެޓަށް ބަރޯސާނުވެ އެހެން ޤައުމުތަކުގެ އެންޓި ކޮރަޕްޝަން މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ ގޮންޖެހުމުން އަރައިގަތުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާން އެކަނި ނުވެސް ވިސްނަން. އޭގެ ބަދަލުގައި އަޅުގަނޑުމެން ބައެއް ދޭދޭ އެހެން ޤައުމުތަކާއި އެކުވެސް މަސައްކަތް ކުރަން. އަޅުގަނޑުމެން ވަރަށް ގާތުން މަސައްކަތް ކުރަމުން އެބަ ގެންދަން ސަޢުދި ޢަރަބިއްޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު. މެލޭޝީއާ، އިންޑޮނޭޝިއާ، ޔޫ.އޭ.އީ ފަދަ ޤައުމުތަކާއި އެކުވެސް މަސައްކަތް އެބަކުރަން. މީގެ އިތުރުން އިންޑިއާއެކު މިއަހަރު ގުޅުން ޤާއިމް ކުރާނަން." ޝާމިލް ވިދާޅުވިއެވެ.

އޭ.ސީ.ސީން ވިދާޅުވީ، މި މަސައްކަތްތަކާއެކުވެސް ތަނުގެ މަސައްކަތަށް އެހީވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ދައުލަތުގެ ބަޖެޓުގެ ތެރެއިން މިހާރުވެސް މަސައްކަތް ކުރެވޭ ކަމަށެވެ.

އޭ.ސީ.ސީއަށް މިއަހަރު ދައުލަތުން ކަނޑައަޅާފައިވަނީ 48.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އަހަރު އެ ކޮމިޝަނަށް 49.77 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނެވެ.