ކުޅިވަރު

ސަޕޯޓަރުންނަށްޓަކައި 110 އިންސައްތަ ދޭންޖެހޭނެ: ކަލްޒޯނާ


ޔޫރޯ 2024 ގެ ގްރޫޕް އީ ގައި މިއަދު ޔޫކްރޭންއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ބުނީ، ޔޫކްރޭންއާ ދެކޮޅަށް އެ ޓީމުގެ ސަޕޯޓަރުންނަށްޓަކައި ހުރިހާ ކުޅުންތެރިންވެސް 110 ޕަސެންޓް ދޭން ޖެހޭނެ ކަމަށެވެ.

ކަލްޒޯނާ ވަނީ، އޭނާގެ ޓީމުގެ ކުޅުންތެރިންނަށް މެންޓަލީ ތައްޔާރުވުމުގައި އެއްވެސް އުނދަގުލެއް ނެތް ކަމަށް ބުނެފައެވެ. އަދި ކުރީ މެޗުގައި ބެލްޖިއަމް އަތުން މޮޅުވެ، ލިބުނު ތިން ޕޮއިންޓާއެކު ނިންމާލެވެން ނެތް ކަމަށާއި، މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށްޓަކައި ދެން އޮތް މެޗަށް ރަނގަޅަށް ފޯކަސް ކޮށް ކާމިޔާބުކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ވެސް ކަލްޒޯނާ ވަނީ ބުނެފައެވެ.

އެގޮތުން، ކަލްޒޯނާ ބުނީ، ޔޫކްރޭނަކީ މޮޅު ޓީމެއް ކަމަށާއި، އެ ޓީމުގެ އައު ކޯޗާއެކު އެމީހުން ދުވަސްތަކެއް ހޭދަކޮށްފައިވާތީވެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މެޗު ފަސޭހަނުވާނެ ކަމަށެވެ.

އެންމެ ފަހުން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްލޮވާކިއާގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ފަދަ ތަރުހީބެއް ކުރިއަށް އޮތް މެޗުގައި ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ.

ކަލްޒޯނާ އިތުރަށް ބުނީ، މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަ މެޗު ވަރަށް އުނދަގޫ ކަމަށާއި، އެ މެޗުގައި އެ ޓީމުގެ ޑޭވިޑް (ހެންކޯ) އަށް ވަރަށް އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އެކަމަކު، މިވަގުތު އެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ފިޓް ކަމަށް ކަލްޒޯނާ ވަނީ ބުނެފައެވެ.

މުބާރާތުގައި ސްލޮވާކިއާ އާ ޔޫކްރޭން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.