ޚަބަރު

އަތޮޅު ކައުންސިލްތަކުގެ ދައުރުފުޅާކޮށް، އަތޮޅުގެ ކަންކަން ނިންމުމަށް ބާރު ދޭނަން: ވަޒީރު


  • އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވާނެ

  • އަތޮޅުގެ އެންމެހާ ކަންކަން ބެލުމުގެ ޒިންމާ އޮންނާނެ

  • ލާމަރުކަޒީ ނިޒާމުގެ މައްސަލަތައް ދެނެގަނެ ޙައްލު ގެންނާނެ

އަތޮޅު ކައުންސިލްތަކުގެ ދައުރުފުޅާކޮށް، މުޅި އަތޮޅު ތަރައްގީކުރުމުގައި އެ އަތޮޅެއްގެ ކަންކަން ނިންމުމަށް އަތޮޅު ކައުންސިލްތައް ބާރުވެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު މިހާރު އޮތްގޮތުން އެ އަތޮޅެއްގެ ކަންކަން ނިންމެވުމުގައި އަތޮޅު ކައުންސިލްތަކުގެ ދައުރު ވަރަށް ހަންޏެވެ. ނަމަވެސް އަތޮޅު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅު ބެލެހެއްޓުމުގެ އެންމެހާ ކަންކަން އަތޮޅު ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.


ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިހާރުގެ ނިޒާމު އޮތްގޮތުން އަތޮޅު ކައުންސިލް އެކުލެވިގެންވަނީ ރަށްރަށުގެ ކައުންސިލްގެ ރައީސުން ހިމެނޭގޮތަށްކަމަށެވެ. އެކަމުގެ ސަބަބުން މުޅި އަތޮޅުގެ ތަރައްޤީއަށް ކަންކަން ރޭވުމުގެ ބަދަލުގައި ފެނިގެންދަނީި ވަކިވަކި ރަށްރަށުގެ ކުރިއެރުމަށް އަތޮޅު ކައުންސިލްތަކުން މަސައްކަތްކުރެވޭތަންކަމަށާއި، ނަމަވެސް އެކަން ބަދަލުވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަތޮޅު ކައުންސިލްތައް، މުޅި އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަންކަމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި އެމީހުން ވާންޖެހެނީ އަތޮޅުގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ފަހިކޮށްދޭ ބަޔަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖޭގައި އޮންނަން ޖެހޭނެ ގޮތާއި ގުޅޭ ދިރާސާއެއް އެވުޒާރާގެ އެދުމުގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާކަމަށެވެ. އެ ދިރާސާ ނިމުމުން ލާމަރުކަޒީ ނިޒާމުގައިހުރި ބޮޑެތި މައްސަލަތަކަށް ދެނެގަނެވި، އެކަންކަން ހައްލު ކުރުމަށް ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެ ދިރާސާ އެކަނި ކޮށްގެން ނިންމާލާކަށް ގަސްތެއް ނުކުރަން. ކޮންމެ ގޮތަކަށް ދިރާސާގެ ނަތީޖާ ނިކުތްކަމުގައި ވީނަމަވެސް އެކަމަށް އިޙްތިރާމް ކުރާނަން. އަމާޒަކީ ކުރިއަށް އޮތް ތަނުގައި ދިރާސާގެ އަލީގައި ފެންނަ މުހިންމު ކަންތައްތަކުގެ މައްޗަށް ބިނާކޮށް އާންމުންގެ ޚިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާ ރޯޑް ޝޯތަކާއި މީހުންގެ ޚިޔާލުތައް ވީހާވެސް ގިނައިން އެއްކޮށްގެން ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު މުހިންމު ހެޔޮ ބަދަލުތަކެއް ގެނެވުން" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ޒިންމާތަކާއި، އަތޮޅު ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތައް މިހާރަށްވުރެ ބޮޑަށް އެނގެންޖެހޭކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް އެތަންތަނަކީ ރައްޔިތުންނާ ގާތުން ޒިންމާދާރު ގޮތުގައި މަސައްކަތްކުރާ ތަނަކަށް ހަދަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އަތޮޅު ކައުންސިލަކީ މުޅި އަތޮޅަށް ނިސްބަތްވާ ގޮތަށް އަތޮޅު ތަރައްގީކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައިގެންވެސް މަސައްކަތް ކުރައްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.