ޚަބަރު

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެއް: ޝިއުރީ


  • ބެންގަލޫރުގެ ޝަންގްރިލާ ހޮޓަލުގައި "އެކްސްޕްލޯ މޯލްޑިވްސް" ނަމުގައި ރޯޑް ޝޯވއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން

އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މާކެޓެއްކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ އިންޑިއާގައި މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް، ހަމަޖެހިފައިވާ "އެކްސްޕްލޯ މޯލްޑިވްސް" ރޯޑް ޝޯވއާ ގުޅިގެންނެވެ. "އެކްސްޕްލޯ މޯލްޑިވްސް"އަކީ އެމްއެމްޕީއާރްސީއާއި މަންޓާ އެއަރ އާ ގުޅިގެން ކުރިއަށް ގެންދާ ރޯޑުޝޯވއެކެވެ.

ބެންގަލޫރުގެ ޝަންގްރިލާ ހޮޓަލުގައި ބާއްވާ މި ރޯޑް ޝޯގެ މަޤްސަދަކީ، އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހި ކުރުންކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، އިންޑީއާ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަމަށާއި މިހަރަކާތުގެ ތެރެއިން އިންޑިއާގެ ޓްރެވެލް މާކެޓާއި ރާއްޖެއާއި އޮތް ގުޅުން ވަރުގަދަކުރެވޭނެ ކަމަށެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްވެރިންނާއި އިންޑިއާގެ ސިނާޢަތުގެ އިސްފަރާތްތައް އެއްތަނަކުން ބަދަލުވުމަށް މުހިންމު ޕްލެޓްފޯމެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

"އިންޑިއާ އަކީ ކުރިއަރަމުން އަންނަ އައުޓް-ބައުންޑް ޓްރެވެލް މާކެޓަކަށް ވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް. ރާއްޖޭގެ ފަތުރުވެރިކަމު ދައިރާގެ އިސް ފަރާތްތަކަށް މި ހަރަކާތުގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމުގެ ފުރުސަތު ލިބި، ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަން ދައްކުވައި އިންޑިއާ މާކެޓާއި ގުޅުން ބަދަހިކުރެވޭނެ " ޝިއުރީ ވިދާޅުވިއެވެ.

މި ރޯޑް ޝޯވގައި 150 އަށްވުރެ ގިނަ ޓްރެވެލް އޭޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މިދާއިރާގެ މަންދޫބުންނާއި އަދި މީޑިއާތައް ބައިވެރިވާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން މި ރޯޑް ޝޯގެ ބައިވެރިންނަށް ރާއްޖޭގެ ސިނާޢަތުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމާއި، ރާއްޖެއިން އެފަރާތްތަކަށް ލިބެންހުރި ޚިދުމަތްތައް ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

އިންޑިއާގެ މާކެޓަށް ހާއްސަކޮށްގެން ބާއްވާ ރޯޑް ޝޯގައި، ރާއްޖޭގެ މަޝްހޫރު ރިސޯޓު ޗެއިންތަކާއި ގެސްޓު ހައުސްތަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި ޔުނިވާސަލް ހޮޓެލްސް، ސަން ސިޔާމް ރިސޯޓްސް، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ޓްރިޕަލް އޭ ހޮޓެލްސް އެންޑް ރިސޯޓްސްގެ އިތުރުން އެންއެޗް ކަލެކްޝަން އަދި މައިނާ ހޮޓެލްސް ފަދަ ބޮޑެތި ބްރޭންޑްތައް ބައިވެރިވެއެވެ. މި ފަރާތްތަކުން ރާއްޖެ އިސްތިހާރު ކުރުމަށް ތަފާތު ގިނަ ޕްރެޒެންޓޭޝަންތަކާއި ކުރިއަށް ގެންގޮސް މިޑީއާ ސަމާލުކަން ދަމައިގަންނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އިންޑިއާގެ މާކެޓަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެއް މާކެޓެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.