ޚަބަރު

އަހަރެމެންނަށް ވުރެ މޮޅު ޓީމެއް ނެތް: ފުއެންޓޭ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ އިޓަލީ އަތުން 0-1 އިން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، މިހާތަނަށްއައިއިރު މުބާރާތުގައި އޭނާގެ ޓީމަށް ވުރެ މޮޅު ޓީމެއް ނެތް ކަމަށާއި، އެކަމަކު އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ބުނެފައެވެ.

ފުއެންޓޭ ބުނީ، އޭނާގެ ޓީމަށް އަދިވެސް ރަނގަޅުކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށާއި، ހަމަބިމުގައި ތިބެގެން ފަރުވާތެރިކަމާއެކު ކުރިއަށްދިއުމުން ރަނގަޅުވާނެ ކަމަށެވެ.

އޭނާގެ ޓީމުން މެޗު ކާމިޔާބުކުރުމުގައި އެހީތެރިވީ ހަމައެކަނި ކުޅުންތެރިންގެ ފްރެޝްކަމާއި، ފިޓްނަސް ލެވެލްގެ ސަބަބުން ނޫން ކަމަށާއި، އޭގައި ޓެކްޓިކްސް އާއި ޓެކްނިކް ވެސް ދައުރެއް އަދާކުރި ކަމަށް ފުއެންޓޭ ފާހަގަކުރިއެވެ. އަދި މުޅި މެޗުގައި ހުރިހާ ގޮތަކުން ވެސް ސްޕެއިން ފެނުނީ އިޓަލީ އަށް ވުރެ ވަރުގަދަކޮށް ކަމަށް ފުއެންޓޭ ބުންޏެވެ.

އިޓަލީ އަށް ވަރަށް އިހުތިރާމްކުރާކަމަށާއި، ސްޕެއިނާ ދެކޮޅަށް އުނދަގޫތައް ތަހައްމަލުކުރިކަމަށް ފާހަގަކޮށް ފުއެންޓޭ ބުނީ، އެހެން އެގޮތަށް ކުރިމަތިވީ އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކުމުން ކަމަށެވެ.

ފުއެންޓޭގެ ވާހަކައިގައި ވަނީ، އިޓަލީއާ ދެކޮޅަށް ފެނިގެންދިޔައީ ފަހަކަށްއައިސް ސްޕެއިނުގެ އެންމެ މޮޅު ކުޅުން ކަމަށް ވެސް ބުނެފައެވެ.

މުބާރާތުގައި ސްޕެއިނަށް ދެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ރޭ އަލްބޭނިއާ އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.