ކުޅިވަރު

ދެ ޓީމުންވެސް ވިސްނަނީ ލެވަންޑޯސްކީއަށް، ކީއްވެ؟


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރިއާ އާއި ޕޮލެންޑް ބައްދަލު ކުރާ މެޗުގައި ދެ ޓީމުގެ ނަޒަރު ވެސް ހުއްޓިފައިވާ ކުޅުންތެރިއަކީ ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ އެވެ. އަނިޔާގެ ސަބަބުން ޕޮލެންޑްގެ ފުރަތަމަ މެޗުގައި ނުކުޅެވުނަސް ނުރައްކާތެރި ފޯވަޑް މި މެޗަށް 35 އަހަރުގައި ނެރުމަށް ޕޮލެންޑްގެ މެޑިކަލް ޓީމުތަކުން ވަނީ އިންތިހާ އަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބާސެލޯނާގެ ފޯވަޑް ލެވޮންޑޯސްކީ ލައްވައި ކުޅުވުމާމެދު ކޯޗު ވަކި ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު އެވެ. އޭނާ ބުނީ ޓީމުގެ އެންމެ އިތުބާރު ފޯވަޑް ލައިގެން މެޗު ކުޅުމާއި އޭނާ ނެތި މެޗު ކުޅުމަކީ ވަރަށް ތަފާތު ދެ އިހުސާސެއް ކުރެވޭ އެހާމެ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ޔޫރޯ އަށް އެންމެ ފަހުން ކޮލިފައިވި ޕޮލެންޑުން ކޮލިފައިންގައި ޖެހި 12 ގޯލުގެ ތެރެއިން ފަސް ގޯލު ޖަހައިދިނީ ވެސް ލެވެންޑޯސްކީ އެވެ. އޭނާ އަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާވެސްމެ އެވެ. ލެވެންޑޯސްކީގެ އިތުރުން ޕަވެލް ޑަވިޑޯ އަށް ވެސް މި މެޗުގައި ކުޅެވެނެ ކަމަށް ކޯޗު ހުރީ އުއްމީދުކޮށްގެންނެވެ.

އޮސްޓްރިއާގެ ކޯޗު ރަލްފް ރަގްނިކް ބުނީ އޭނާ އަށް ރަނގަޅީ ލެވޮންޑޯސްކީ ފިޓްވެ މި މެޗުގައި ކުޅުން ކަމަށާއި އޭގެ ސަބަބުން ޕްރެޝަރު ކުރިމަތިވާނީ ޕޮލެންޑްގެ އަމިއްލަ ނަފްސަށް ކަމަށެވެ.
ޕޮލެންޑަކީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މިހާތަނަށް މާ ކާމިޔާބު ގައުމެއްނޫނެވެ. ކޮންމެ މުބާރާތެއްގައި ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނަސް އިތުރަށް އެއްވެސް ކަމެއްވާ ޓީމެއްނޫނެވެ. މިހެންވެ ލެވޮންޑޯސްކީ އާއި ގޯލްކީޕަރު ޝިޒެސްނީ ވަނީ އެމީހުންގެ ދުވަސްވަރު މިތާރީހް ބަދަލުކޮށްލުމަށްފަހު އަޒުމް ކަނޑައާފަ އެވެ. ފަހަރުގައި މިއީ އެމީހުން ކުޅޭނެ ފަހު ބޮޑު މުބާރާތަށް ވެސް ވެދާނެ އެވެ.

މިރޭގެ މެޗަކީ އޮސްޓްރިއާ އާއި ޕޮލެންޑަށް ވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ ބަލިވީ ފްރާންސް މެޗުގައި ބައިކޮޅަށް ޖެހި ގޯލުންނެވެ. ޕޮލެންޑް ބަލިވީ ނެދަލޭންޑްސް އަތުންނެވެ. މިހެންވެ ދެ ވަނަ ބުރަށް އޮޓެމެޓިކް ޗާންސެއް ހޯދުމަށް މިރޭގެ މެޗަކީ ކޮންމެހެން ވެސް ނަތީޖާ ނެރެންޖެހޭ މެޗކެވެ.

ރަގްނިކް ބުނީ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވެފައިވި ނަމަވެސް އޮސްޓްރިއާއިން މިރޭ ވެސް ފަހަތަށް ނުބަލައި ކުރިނާރާނެ ކަމަށެވެ. ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ޕޮލެންޑާއި އޮސްޓްރިއާ މިހާތަނަށް ބައްދަލުކުރީ 10 ފަހަރު އެވެ. މީގެ ތެރެއިން އޮސްޓްރިއާ 3 ފަހަރު މޮޅުވެފައިވާއިރު ޕޮލެންޑް މޮޅުވީ ފަސް ފަހަރު އެވެ.