ޚަބަރު

އިރާޤު ބޮޑުވަޒީރާއި ދެކޮޅަށް މުޒާހަރާކޮށްފި


އިރާގުގެ ވެރިރަށް ބަޣްދާދުގެ އެކި ސަރަހައްދުތަކުގައި ކާރު ބޮންތަކެއް ގޮއްވާލައި އަށްޑިހަ އަށްވުރެ ގިނަ މީހުން މަރާލި ޓެރަރިސްޓް ޙަމަލާތަކަށްފަހު، އިރާގުގެ ޝިޔައީ ލީޑަރު މުގްތަދާ އައްސަދްރުގެ ސަޕޯޓަރުން ބަޣްދާދުގެ މަގުތަކަށް ނުކުމެ ބޮޑުވަޒީރު ހައިދަރުލްއަބާދީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލައިފިއެވެ. 

މުގްތަދާ އައްސަދްރަށް ސަޕޯޓްކުރާ އެތަށް ސަތޭކަ ބަޔަކު ބަޣްދާދުގެ މަގުތަކަށް ނުކުމެ ގޮވަމުން ދިޔައީ ރައްޔިތުން ހިމާޔަތް ކުރުމުގައި ބޮޑުވަޒީރު ހައިދަރުލްއަބާދީގެ ސަރުކާރު މުޅިން ފޭލް ވެފައިވާ ކަމަށެވެ. ސަދްރަށް ތާއީދުކުރާ މީހުންވަނީ ބޮޑުވަޒީރު އަބާދީއާއި އޭނާގެ ސަރުކާރު ގެ އިސްވެރިން ކޮރަޕްޝަނުގެ ތެރެއަށް ޣަރަގުވެ އައިއެސް ޖަމާއަތުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ޝިކާރައަކަށްވުމަށް ރައްޔިތުން ދޫކޮށްލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. 

އިރާގުގެ ވެރިރަށް ބަޣްދާދަށް ބުދަދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގައި ޖުމްލަ އަށްޑިހަ މީހުން މަރުވެފައިވާއިރު މިޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.