ޚަބަރު

އެންސްޕާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި ރަޖިސްޓްރީވާން ހުޅުވާލައިފި


  • ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ ނޮވެންބަރު މަހުގެ ނިޔަލަށް

  • އެހީ ދެނީ 2 އަހަރުގެ މުއްދަތަށް މަހުން މަހަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އެންސްޕާއިން އަލުން ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިއެހީތައް ފޯރުކޮށްދިނުމަށްޓަކައެވެ. އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދެނީ 2 އަހަރުގެ މުއްދަތަށް މަހުން މަހަށެވެ.

އެންސްޕާއިން ވިދާޅުވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން ނޮވެންބަރު މަހުގެ ނިޔަލަށް ފޯމު ހުށަހަޅަންވާނެކަމަށެވެ. އަދި އެ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުންކަމަށާއި އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށްކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

އެހީގެ ތެރޭގައި ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީއެވެ. އަދި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީވެސް ހިމެނެއެވެ.

މިދިޔަ މަހު ފަޤީރު ޙާލަތުގައި ދިިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ހަމަޖައްސާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 3،313 މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެއީ 5،687 ކުޑަކުދިންނެވެ. އަދި މިދިޔަ މަހު އެހީ ބޭނުންވެގެން މުޅިން އަލަށް 112 މީހުން ރަޖިސްޓްރީވިއިރު، 207 ކުއްޖަކު ވެސް ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ.

ފަޤީރު ޙާލަތުގައި ދިިރިއުޅޭ މައިންބަފައިން، އެހީތެރިކަމެއް ނެތި އެެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް މިދިޔަ މަހު އެހީގެ ގޮތުގައި 98 ބެލެނިވެރިއަކަށް އެހީ ދިންއިރު 132 ކުދިން ހިމެނެއެވެ. އަދި މިބައިން 181،000 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު އެންސްޕާއިން ވަނީ، ފަޤީރު ހާލަތުގައި ދިރިއުޅޭ 659 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އެހީތެރިކަން ދީފައެވެ. އެކަމަށް 26،360 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.