ޚަބަރު

މެޗުގެ އެންމެ ފަހު ވަގުތު ސާބިއާއިން ސްލޮވީނިއާ ރޮއްވާލައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 1-0 ން ސްލޮވީނިޔާ މޮޅުވާން ދިޔަ މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު މިނިޓްގައި ލަނޑު ޖަހައިގެން ސާބިއާ ޕޮއިންޓެއް ހޯދައިފި އެވެ. ފުރަތަމަ މެޗުގައި ޑެންމާކް އަތުން ޕޮއިންޓެއް ހޯދި ސްލިވީނިޔާއާއި އިންގްލެންޑް އަތުން ބަލިވި ސާބިއާ ވާދަކުރި މެޗު ވެގެންދިޔައީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި، އެޓޭކިންގ ފުޓްބޯޅައެއް ފެނުނު އެއް މެޗަށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސްލޮވީނިޔާއަށް ކުރި ހޯދައިދިނީ 69 ވަނަ މިނިޓްގައި ޑިފެންޑަރ ޒަން ކަނިސްނިކް އެވެ. އޭނާ ލަނޑު ޖެހީ ޓިމީ އެލްސްނިކް ނަގައިދިން ހުރަސް ގޯލް އޭރިޔާ ތެރޭ ހުރެ އެއްފަހަރުން ޖަހާ ގޯލްގެ ކަނަށް ފޮނުވާލައިގެން ނެވެ. ކީޕަރު ރަނގަޅު ފަޅިއަށް ޑައިވް ކުރިނަމަވެސް ބޯޅައިގަ އަތް ޖެއްސޭވަރެއްނުވި އެވެ.

ސާބިއާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި ބަދަލަށް ނިކުއިން ޖޮވިކް ޖެހި ލަނޑުންނެވެ. ސާބިއާ އަށް ލިބުނު ކޯނަރު އޭރިޔާތެރެއަށް ނަގައިދިނުމުން ގޯލްއޭރިޔާ ރޮނުގަމަތިން ފުންމައިގެން އަރާ ޖޮވިޗް ބޮލުން ފޮނުވާލި ބޯޅަ ތަތްވީ ގޯލްގެ މަތީ ދާގަނޑަށެވެ. ލަނޑާއެކު މެޗުވެސް ނިމުނީ އެވެ.

މުޅި މެޗުގައި ދެޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާ އެޓޭކް ކުރިއެވެ. ޚާއްޞަކޮށް ސާބިއާގެ ފޯވާޑް މިޓްރޮވިޗް ފޮނުވާލި ގިނަ އެޓޭކްތަކެއް ނާކާމިޔާބުވި އެވެ. 31 ވަނަ މިނިޓްގައި އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލްގެ އަރިމަތި ދަނޑި ކައިރިން ބޭރަށް ދިޔައީ ބޮލުން ޖައްސާލަން މަސައްކަތް ކުރި ނަމަވެސް، މިޓްރޮވިޗަށް ބޯޅައިގަ ޖައްސާ ނުލެވި އެވެ. 41 ވަނަ މިނިޓްގައި ސާބިއާގެ ޒިވްކޮވިޗް ނަގައިދިން ހުރަސް ވްލަހޮވިޗް މިޓްރޮވިޗަށް ޖައްސާލުމުން ގޯލްއޭރިޔާ ތެރޭގައި ހުރެ ފޮނުވާލެވުނީ ކީޕަރު އަތަށެވެ. 46 ވަނަ މިނިޓްގައި ޑުސާން ޓަޑިކް މިޓްރޮވިޗަށް ޖައްސާލި ބޯޅަ ވެސް ގޯލު އޭރިޔާ ކަނާ ދިމާލުން ފޮނުވާލެވުނީ ސީދާ ކީޕަރާ ދިމާލަށެވެ. އޭގެފަހުން މިޓްރޮވިޗް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ކުޑަ ތަންކޮޅެއް ބޭރަށެވެ. 71 ވަނަ މިނިޓްގައި ގޯލް އޭރިޔާ ރޮނގުމަތިން މިޓްރޮވިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މީގެއިތުރުން ވެސް ސާބިޔާއިން ލަނޑު ޖަހާނެ ފުރުޞަތު ހޯދިއެވެ. 26 ވަނަ މިނިޓްގައި އަރިމަތިން ނަގައިދިން ހުރަސް ޓަޑިކް ބޮލުން ފޮނުވާލުމުން ކީޕަރު ދިފާއުކުރި އެވެ.

ސްލޮވީނިޔާއިންވެސް މެޗުގައި ލަނޑު ޖަހާނެ ފުރުޞަތުތަކެއް ހޯދާ އެޓޭކް ކުރިއެވެ. އެގޮތުން މެޗު ފަށައިގެން ފުރަތަމަ ފުރުޞަތެއް ސްލޮވީނިޔާއިން ތަނަަވަސްކުރީ ސާބިއާ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައިގެން ނެވެ. ތިންވަނަ މިނިޓްގައި ސްލޮވީނިޔާގެ މިޑްފީލްޑަރ އެޑަމް ސެރިން ޑީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ އެވެ. ހަތް ވަނަ މިނިޓްގައި ގޯލް އޭރިޔާ ކަނާ ދިމާލުން ސްލޮވީނިޔާގެ ކާން މަލްކަރް ފޮނުވާލި ބޯޅަ ކީޕަރު ކޯނަރަކަށް ބެރުކޮށްލި އެވެ.

37 ވަނަ މިނިޓްގައި އޭރިޔާ ތެރެއަށް ވަދެ ޓިމީ އެލްސްނިކް ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ދެވަނަ ފަހަރަށް ސެސްކޯ ފޮނުވާލުމުން ގޯލްގެ ކަނާ ދިމާލުން ބޭރަށް ދިޔައީ ކުޑަތަންކޮޅެއް މަތިވެގެންނެވެ. މިއީ މުޅި މެޗުގައި ފެނުނު އެންމެ ނުރައްކާތެރި އެއް އެޓޭކެވެ. 57 ވަނަ މިނިޓްގައި އޭރިޔާ ބޭރުން ސްލޮވީނިޔާގެ ސެސްކޯ ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ހުރަސްދަނޑި މަތިން ކޯނަރަކަށް ބޭރުކޮށްލި އެވެ. 78 ވަނަ މިނިޓްގައި ޒަން ކަނިސްނިކް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

މިގްރޫޕްގައި ކުރިއަށް އޮތީ އިންގްލެންޑާއި ޑެންމާކް ވާދަކުރާ މެޗެވެ. އެމެޗާ ކުރިމަތިލާއިރުވެސް އިންގްލެންޑް އޮތީ ތިން ޕޮއިންޓާއެކު އެއް ވަނައިގަ އެވެ. ސާބިއާ އަތުން ސލޮވީނިޔާ މޮޅުވިނަމަ ސްލޮވީނިޔާއަށް އެއްްވަނަ ލިބުނީހެވެ. މިހާރު އޮތް ގޮތުން ދެ ޕޮއިންޓާއެކު ސްލޮވީނިޔާ އޮތީ ދެވަނައިގައެވެ. ސާބިއާއާއި ޑެންމާކް ވެސް އޮތީ ޕޮއިންޓަކާއެކު އެވެ.