ދުނިޔެ

ބްރެޒިލްގެ ރައީސްކަމުގެ މަޤާމަށް، އެޤައުމުގެ ނައިބު ރައީސް !


ބްރެޒިލްގެ ރައީސާ ޑިލްމާ ރުސޭފް، ރައީސްކަމުގެ މަގާމުން އެއްފަރާތް ކުރުމަށް އެގައުމުގެ ކޮންގޮރެސްއިން ނިންމުމާ ގުޅިގެން، ނައިބު ރައީސް މިޝައިލް ޓެމަރ ބްރަޒީލްގެ ރައީސްކަމާ ވަގުތީ ގޮތުން ޙަވާލުވެވަޑައިގެންފިއެވެ. 

ޓެމަރ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު އައު ކެބިނެޓެއް އުފައްދަވައި ބްރެޒިލްގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ޚިތާބެއް ވަނީ ދެއްވާފައެވެ. ބްރަޒީލްގެ ވަގުތީ ރައީސެއްގެ ގޮތުން މިޝައިލް ޓެމަރ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަގްރީރުގައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ މާޔޫސް ނުވުމަށާ އަދި ބްރެޒީލްގައި ގާއިމްކޮށްފައިވާ ވެރިކަމުގެ ނިޒާމަށް އިތުބާރު ކުރުމަށެވެ. އޭނާ ވިދާޅުވީ ގައުމު ވަނީ އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި ކަމަށާ މި ހީނަރުކަމުން އަރައިގަނެވޭނީ ރައްޔިތުން ކެތްތެރިވެ ބްރެޒިލްގައި ގާއިމްކޮށްފައިވާ ވެރިކަމުގެ ނިޒާމަށާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށާއި އެމުއައްސަސާތަކުގެ ވެރިންނަށް އިތުބާރު ކޮށްގެންކަމަށެވެ.

img:http://s3.psmnews.mv/images/660x400/14631242817552.jpg|ބްރެޒިލްގެ ރައީސްކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގަތް މިޝައިލް ޓެމަރ / ފޮޓޯ: ޒިންހުއާ

" ބްރެޒިލްގެ ލޮބުވެތި ރައްޔިތުންނާ މުޚާތަބުކޮށް އަހަރެން ބުނާ އެންމެ ފުރަތަމަ ބަހަކީ އިތުބާރުގެ ބަސް، އިތުބާރަކީ ވަރަށް މުހިއްމު އެއްޗެއް، އަހަރެމެންގެ ރައްޔިތުންގެ ތަބީއަތުގެ ތާޒާކަމާއި އަހަރެމެންގެ ޑިމޮކްރެޓިކް ނިޒާމުގެ އާރޯކަން ދަމަހައްޓައިދޭނެ އެއްޗަކީ އިތުބާރު، އަހަރެމެންގެ ގައުމުގެ އިގްތިޞާދު ކުރިއަރައިގެންދާނީ ވެސް އިތުބާރު ގާއިމްކޮށް އިތުބާރުގެ މަތީގައި." ޓެމަރ ވިދާޅުވިއެވެ. 

ޓެމަރ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަވަސް ގޮތަކަށް ބްރެޒިލްގައި ވަނީ އައު ކެބިނެޓެއްވެސް ޢިއުލާންކޮށްފައެވެ. މިކެބިނެޓްގައި، ކުރީގެ ރައީސާ ޑިލްމާ ރުސޭފް ގެ ސަރުކާރުގެ ބައެއް ވަޒީރުން ހިމެނުނު ނަމަވެސް މުހިއްމު އަދި ޙައްސާސީ ވުޒާރާތަކަށް ވަނީ އައު ބޭފުޅުން ޢައްޔަން ކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14631249521505.jpg|ބްރެޒިލްގެ ރައީސްކަމުގެ މަޤާމުން ސަސްޕެންޑްކޮށްފައިވާ ޑިލްމާ ރޫސެފް، އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ

މީގެތެރޭގައި މާލީ ވަޒީރާއި ދިފާއީ ވަޒީރާއި ޚާރިޖީ ވަޒީރު ހިމެނިވަޑައިގަންނަވައެވެ. ބްރެޒިލްގެ ކޮންގްރެސް އިން އެގައުމުގެ ރައީސާ ޑިލްމާ ރުސޭފް، މަގާމުން އެއްފަރާތް ކުރުމަށް ނިންމީ އެކަމަނާ ސިޔާސީ މަޤްޞަދެއް ޙާސިލް ކުރުމަށްޓަކައި އެގައުމުގެ ބަޖެޓާބެހޭ ގާނޫނާ ޚިލާފްވި މައްސަލާގައެވެ. ޑިލްމާ ރައީސްކަމުގެ މަގާމުން އެއްފަރާތްކޮށް އެކަމަނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ބްރެޒިލްގެ ކޮންގްރެސްގައި ހިމެނޭ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އާއި ސެނެޓުގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމުމާ ގުޅިގެން ބުރާސްފަތި ދުވަހު އެކަމަނާ ވަނީ ހަމަސްދުވަހުގެ މުއްދަތަށް ވެރިކަމުން އަޒުލުކޮށްފައެވެ. އަދި ޑިލްމާ ގާނޫނާ ޚިލާފްވެވަޑައިގެންނެވި މައްސަލާގައި އެކަމަނާގެ މައްޗަށް ޝަރީއަތް ހިންގުމުގެ ކަންތައްވެސް މިމުއްދަތުގައި ބްރެޒިލްގެ ކޮންގްރެސްއިން ކުރިއަށްގެންދާނެއެވެ. 

img:http://s1.psmnews.mv/images/660x400/14631249294206.jpg|ބްރެޒިލްގެ ރައީސްކަމުގެ މަޤާމުން ސަސްޕެންޑްކޮށްފައިވާ ޑިލްމާ ރޫސެފް، އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ

ޑިލްމާގެ މަގާމުން އެއްފަރާތްކޮށް ވެރިކަމުން އަޒުލުކުރުމަށް ބްރެޒިލްގެ ކޮންގްރެސްއިން ނިންމި ނިންމުމާ ގުޅިގެން އެކަމަނާގެ ޕާޓީކަމަށްވާ ވާތުފިޔައިގެ ލޭބަރ ޕާޓީގެ ތޭރަ އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. ޑިލްމާ އަކީ ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި ބްރެޒިލްގައި މަގާމުން އަޒުލުކުރި ފުރަތަމަ ރައީސާއެވެ. މަގާމުން އަޒުލު ކުރުމާ ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ވަދާޢީ ޚިތާބުގައި ޑިލްމާ ވިދާޅުވީ ވެރިކަމުގައި ހުންނެވި ދުވަސްވަރު އެކަމަނާއަށްވެސް ކުށްތަކެއް ކުރެއްވިފައިވާ ކަމަށާ ނަމަވެސް ގާނޫނާ ޚިލާފުވެފައިނުވާނެ ކަމަށެވެ. އަދި ބްރެޒިލްގެ ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ހޯދުމަށް މަސައްކަތްކުރެއްވި ކަމަށާ އެއްވެސް ކަމެއްގައި ޚިޔާނާތުގެ އަމަލެއް ހިންގަވާފައި ނުވާނެކަމަށްވެސް ޑިލްމާ ވިދާޅުވިއެވެ. އަދި ޑިލްމާ މަގާމުން ދުރުކުރުމަށް ކޮންގްރެސްގައި ހިންގި ކަންތައްތައްތަކީ ސިޔާސީ މަގްސަދުތަކެއްގައި އެކަމަނާ ވެރިކަމުން ދުރުކުރުމުގެ ބޭނުމުގައި ބަޔަކު ދުރާލައި ރާވައިގެން ހިންގި ކަންތައްތަކެއްކަމަށްވެސް ޑިލްމާ ތުހުމަތު ކުރެއްވިއެވެ.