ޚަބަރު

ސްލޮވީނިއާ އަތުން ބޭނުންވަނީ މޮޅެއް: ސްޓޮއިކޮވިޗް


"
ސްލޮވީނިއާ އަތުން މޮޅުވާން ކުރެވެން ހުރި މަސައްކަތެއް ކުރާނަން،
ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮއިކޮވިޗް

ޔޫރޯ 2024 ގެ ގްރޫޕް ސީ ގައި މިރޭ ސްލޮވީނިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮއިކޮވިޗް ބުނީ، ސްލޮވީނިއާ އަތުން މޮޅެއް ނޫން އެހެން ނަތީޖާއެއް ބޭނުމެއް ނޫން ކަމަށެވެ.

ސްޓޮއިކޮވިޗް ބުނީ، ސްލޮވީނިއާ އަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއް ކަމަށާއި، އެ މެޗު ފަސޭހަނުވާނެ ކަމަށެވެ.

ސްޓޮއިކޮވިޗް ވަނީ، ސްލޮވީނިއާގެ ފޯވާޑްލައިންގައި ހިމެނޭ ދެ ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ. އެގޮތުން، ސްޓޮއިކޮވިޗް ބުނީ، އެމީހުންނަށް ބޯޅަ ސަޕްލައިކުރުން ހުއްޓުވޭނެ ގޮތަކާ މެދު އޭނާގެ ޓީމުން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.

ސްލޮވީނިއާ އާ ދެކޮޅަށް ކުޅޭ މެޗަށް ސާބިއާ އިން ނިކުންނާނީ އިންގްލެންޑް މެޗުގައި ކުޅުނު އެގާރައަށް ދެ ބަދަލެއް ގެނެސްގެން ކަމަށް ވެސް ސްޓޮއިކޮވިޗް ބުންޏެވެ. އަދި މި މެޗުން ކޮންމެހެން މޮޅެއް ހޯދަންޖެހޭނެ ކަމަށާއި، އޭނާގެ ކުޅުންތެރިން ވެސް ތިބޭނީ އެކަމަށް ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ކަމަށް ސްޓޮއިކޮވިޗް ބުންޏެވެ.

ސާބިއާގެ ފޯވާޑް، އަލެކްސެންޑާ މިޓްރޮވިޗް ބުނީ، ސްލޮވީނިއާގެ އެންމެ މުހިއްމު ކޮލިޓީ އަކީ ޓީމް ޕްލޭ ކަމަށެވެ. މީގެއިތުރުން، އެ ޓީމުގައި އިންޑިވިޖުއަލީ މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެއީ ކޮންމެ ވަގުތަކު ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ކުޅުންތެރިން ކަމަށް ވެސް މިޓްރޮވިޗް ފާހަގަކުރިއެވެ.

މުބާރާތުގައި ސްލޮވީނިއާ އާ ދެކޮޅަށް ސާބިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.