ކުޅިވަރު

ސްކޮޓްލަންޑުން އެއްވެސް ކަމެއް ފަސޭހަވިޔަނުދޭނެ: ޔަކީން


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ބުނީ، ސްކޮޓްލެންޑުން އޭނާގެ ޓީމަށް އެއްވެސް ކަމެއް ފަސޭހަވިޔަނުދޭނެ ކަމަށެވެ.

ސްކޮޓްލެންޑުން ރަނގަޅަށް ތައްޔާރުވާނެކަމަށާއި، އެ ޓީމަށް ރަނގަޅަށް ކުޅެވޭނެކަމަށް ޔަކީން ބުންޏެވެ.

އެހެން ކަމުން، އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެކަން ފާހަގަކޮށް ޔަކީން ބުނީ، ޕްލޭންކޮށްފައިވާ ގޮތަށް އޭނާގެ ޓީމުގެ ގޭމް ކުޅެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.

މިރޭގެ މެޗާ ބެހޭގޮތުން ސްވިޓްޒަލޭންޑްގެ ޑިފެންޑަރު، މެނުއަލް އަކަންޖީ ބުނީ، ސްވިޓްޒަލޭންޑުން އެއްވެސް ޓީމެއް އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއް ވެސް އައިސްފައިވަނީ ކޮލިފައިންގައި ތަފާތު ދައްކައިގެން ކަމަށްވާއިރު، އޭގެއިން ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ވެސް އަކަންޖީ ބުންޏެވެ.

އަކަންޖީ ބުނީ، ފުރަތަމަ މެޗުން މޮޅުވިޔަސް މި މެޗުގައި އޭގެއިން ކުރާނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ. އެހެންކަމުން، މުބާރާތުގެ އަނެއް ބުރަށް ދިއުމަށްޓަކައި ސްކޮޓްލެންޑް އަތުން މޮޅުވެ، ތިން ޕޮއިންޓް ހޯދަން މަޖުބޫރު ކަމަށް އަކަންޖީ ފާހަގަކުރިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑްއާ ސްވިޓްޒަލޭންޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.