ކުޅިވަރު

ފުރަތަމަ މެޗަށްފަހު ހިތްވަރު އެލުވާނުލައި، ޕޮޒިޓިވްކޮށް ތިބުމުން އުފާވޭ: ޑަލިޗް


"
އަލްބޭނިއާ އިން ތިބީ ވަރަށް މޯޓިވޭޓްކޮށް، އެމީހުން ވަރަށް އޯގަނައިޒްކޮށް ކުޅެނީ. އަހަރެމެން ވަރަށް ވިސްނަންޖެހޭނެ،
ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް

ޔޫރޯ 2024 ގެ ގްރޫޕް ބީ ގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް ބުނީ، ފުރަތަމަ މެޗުގައި ބަލިވުމުން ހިތްވަރު އެލުވާނުލާ އެ ޓީމުން ޕޮޒިޓިވްކޮށް ތިބުމުން ވަރަށް އުފާވާކަމަށެވެ.

އޭނާ ބުނީ، ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅަށް އަލްބޭނިއާ މެޗުގައި ކުޅެންޖެހޭނެކަން ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އަދި މުބާރާތުގެ ކުރީން ވެސް އަލްބޭނިއާ އާ ދެކޮޅަށް ކުޅޭ މެޗު މުހިއްމު ވާނެކަން އެނގޭކަމަށް ޑަލިޗް ބުންޏެވެ.

ޑަލިޗް ވަނީ، އޭނާގެ ޓީމުން އޮފެންސިވް ގޭމެއް ކުޅެ، މޮޅުވާންޖެހޭނެ ކަމަށް ބުނެފައެވެ. ކުރީ މެޗަށްވުރެ ރަނގަޅު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޑަލިޗް ވަނީ، ސްޕެއިނާ ދެކޮޅަށް އޭނާގެ ޓީމުން ގިނަވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފެއްދިކަން ފާހަގަކޮށްފައެވެ.

އޭނާ ބުނީ، އަލްބޭނިއާ މެޗަށް ނިކުންނަ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އަންނާނެކަމަށެވެ.

މެޗުގެ ކުރީން، ކްރޮއޭޝިއާގެ މިޑްފީލްޑަރު، އިވާން ޕެރިސިޗް ބުނީ، އަލްބޭނިއާ އަކީ ރަނގަޅު ޓީމެއް ކަމަށާއި، އެ ޓީމުން ކޮލިފައިންގައި ނެރުނު ނަތީޖާތަކަށް ރަނގަޅު ކަމަށެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން އެންމެ ފަހު މިނެޓާ ހަމައަށް އެ ޓީމަށް ސަމާލުވާންޖެހޭނެ ކަމަށާއި، އެ މީހުންގެ ކުޅުމުގެ އިންޓެންސިޓީއާ އެއްވަރަށް ކުޅެންޖެހޭނެ ކަމަށެވެ.
އަދި ޕެރިސިޗް ވަނީ، އެ މެޗުން ކޮންމެހެން ތިން ޕޮއިންޓް ހޯދަންޖެހޭ ކަމަށް ފާހަގަކޮށް އެކަން ހާސިލްކުރަން ފަސޭހަނުވާނެ ކަމަށް ބުނެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން އަލްބޭނިއާ އާ ދެކޮޅަށް ނިކުންނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ.