ޚަބަރު

މީރާއިން ޓެކްސް އެޕީލްއަށް ހުށަހަޅާ މައްސަލަތައް


މީރާއިން ތަންފީޒީގޮތުން އަޅާ ފިޔަވަޅަކާއި ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފްކުރާ މައްސަލަތަކުގައި މައުޟޫޢީގޮތުން ވާހަކައެއް ނުދެއްކޭނެކަމަށް ހައިކޯޓުން ކަނޑައަޅުއްވައިފިއެވެ. ހައިކޯޓުން މިގޮތަށް ކަނޑައެޅުއްވީ "ބަނީ ހޯލްޑިންގްސް" ލިމިޓެޑުން ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭކަމަށް މީރާއިން ކަނޑައެޅެއްވި ފައިސާ ހޯދުމަށް އެ ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް އެ ފައިސާ ނެގުމާއި ގުޅިގެން އެ ކުންފުނިން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ކުރެއްވި އިސްތިއުނާފުގެ ހުކުމްގައި އެ ފައިސާއަކީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ޓްރައިބިއުނަލުން ކަނޑައަޅައެޅުއްވުމުން އެ ހުކުމް މީރާއިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ބެއްލެވުމަށްފަހު ކުރެއްވި ހުކުމްގައެވެ. ހައިކޯޓްގެ ހުކުމްގައިވާގޮތުން ޓެކްސްއާއި ގުޅޭގޮތުން މީރާއިން ނިންމާ ނިންމުންތަކާއި މެދު އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކުރަންޖެހޭ ގޮތް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫންގައި ބަޔާންކޮށްފައިވާނެއެވެ.އެގޮތުން މީރާއިން ނިންމި ނިންމުމާއި މެދު އިޢުތިރާޒު ކުރާނަމަ އެ ނިންމުން ނިންމިތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އެކަން އަންގަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.