ޚަބަރު

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރަށްވެހިން ހޭލުންތެރިކުރުމަށް "އުފާވެރި ރާސްތާ" ފަށައިފި


  • މި ޕްރޮގްރާމްގައި ދިރިއުޅުމުގެ މުހިންމު އާދަތަށް ކިޔައިދޭ

  • ދުޅަހެޔޮ ބަޔަކަށް ވެވޭނެ ގޮތްތަކާގުޅޭ މަޢުލޫމާތު ދިނުން ކުރިއަށްދޭ

  • 60 މީހުން ބައިވެރިވޭ

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުން، މުޖުތަމަޢުއަށް ނެރުމަށް އަހުލުވެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

"އުފާވެރި ރާސްތާ" ގެ ނަމުގައި ފެށި ޕްރޮގްރާމްގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތުބި 60 އިސްރައްވެހިން ބައިވެރިވެއެވެ.

އިޖުތިމަޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ މީހުންނަށް އިޖުތިމާޢީ ހަރަކާތްތަކާއެކު ފޯރުކޮށްދޭ މަޢުލޫމާތު ސެޝަންތަކެއް ކަމަށެވެ.

މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުގައި ޚިދުމަތް ހޯދާ މީހުން މުޖްތަމަޢުއަށް ނެރުމަށް އަހުލުވެރިކޮށް، އެމީހުންގެ ހޭލުންތެރިކަން އިތުރުކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ފަރުދީގޮތުން ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު ދީ، އެކަންކަން ކުރާނެ ގޮތް މި ޕްރޮގްރާމުގައި ވަނީ ކިޔައިދީފައެވެ.

މިއަދުގެ ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކޮންމެ ދުވަހެއްގައި ކުރެވޭނެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުންމަށް ކުރެވިދާނެ މުހިންމު ކަންކަމާ ގުޅޭގޮތުންނެވެ. އަދި އުމުރުން ދުވަސްވީ ނަމަވެސް ހަރަކާތެރި ބައެއްގެ ގޮތުގައި، ދިރިއުޅުމުގެ އާދަތައް ބެހެއްޓޭނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ. އެގޮތުން ސެޝަންތަކުގައި މަޢުލޫމާތު ދިނުމަށް، ނަރުހުންނާއި ސޯޝަލް ވޯކަރުން ބައިވެރިވެއެވެ.

ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި މީހުން އާއިލާތަކާ ގުޅުވައިދީ، އާއިލީ ލޯބި ހޯދައިދިނުމަށް މުހިންމު ޕްރޮގްރާމްތަކެއް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ފައްޓަވާފައެވެ. އެގޮތުން އާއިލާތަކާ ވާހަކަދައްކާ، އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ދަޢުލަތުން ލިބޭގޮތަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އާއިލާގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ ޕްރޮގްރާމް ދަނީ ކުރިއަށްގެންދަމުންނެވެ.

މީގެއިތުރުން އިސްރަށްވެހިންގެ ހަރަކާތްތެރިކަން މުޖުތަމަޢުގައި އިތުރުމަށް "އިސްރަށްވެހިންގެ މަރުކަޒު"ތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.