ޚަބަރު

މަސައްކަތުގެ ރައްކާތެރިކަން ކަށަވަރު ވުމަކީ ނަރުހުން އުއްމީދެއް


ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ރަނގަޅު އޮނިގަނޑެއް ހެދިފައި އޮތުމަކީ ނަރުހުންގެ ތަޖުރިބާއާއި ތަމްރީނުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި އިޖުތިމާޢީ ރައްކާތެރިކަން ލިބިގެން ދިއުމަކީ ނަރުހުންގެ ބޮޑު އުއްމީދެއް ކަމަށް މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގ ނަރުހުންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނުގައެވެ.

ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ "ސިއްޙީ ނިޒާމުތަކުގެ ވިލުން ހަރުދަނާ ކުރުމުގައި ބަދަލު ގެނައުމުގެ ބާރެއް" މިއެވެ. ނަރުހުންނަކީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް މުހިއްމު އިސް ދައުރެއް އަދާކުރަމުންގެންދާ ފަންނީ މަސައްކަތްތެރިން ތަކެކެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ސިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ތެރެއިން އެންމެ ގިނައީ ނަރުހުންކަން ފާހަގަކޮށްލަންޖެހެއެވެ. ސިއްޙީ ނިޒާމު ހަރުދަނާ ކުރުމުގައި ނަރުހުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ހަމައެއާއެކު ސިއްޙީ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ސިއްޙީ ދާއިރާއަށް ދެމެހެއްޓެނެވި ތަރައްޤީ ގެނައުމުގައި ނަރުހުންގެ ޙިިއްސާ ވަރަށް ބޮޑެވެ.

ނަރުހުންގެ ދުވަހާ ގުޅިގެން ނާރސިން ކައުންސިލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ސިއްޙީ ޚިދުމަތްތަކުގެ ޚާއްސަ ދާއިރާތައް ތަޢާރަފްވެ މިދާއިރާތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންވާ އިތުރު ތަޢުލީމާއި ތަމްރީނު ނަރުހުންނަށް މިއަދު ބޭނުންވެފައިވާ ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މިހާރު ހުރި ސިއްޙީ ގޮންޖެހުންތަކާއި ސިއްޙީ މައްސަލަތައްް ތަފާތު ކަމަށާއި އެހެންކަމުން މިހާރު ދިމާވާ މައްސަލަތަކަށް ރިޢާޔަތްކޮށް ނަރުހުންގެ ފަރުވާ ދިނުމަށް ބޭނުންވާ ޚާއްސަ ތަމްރީނާއި ފަންނީ ކުރިއެރުން ނަރުހުންނަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ތަފާތު ޙާލަތްތަކުގައާއި ދަތި އުނދަގޫ ތަކާއެކުގައިވެސް ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެކީގައި މަސައްކަތްކުރާ ފަރާތްތަކުގެ ހަރުދަނާ ގުޅުމެއް އޮތުމަކީ ބަލިމީހާއަށް ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުމުގައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ސިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައިވެސް ނަރުހުންގެ ބައިވެރިވުން އޮތުމަކީ މުހިންމުކަމަކަށްވާއިރު، މިއީ ނަރުހުންގެ މަސައްކަތުގެ މާޙައުލު އެކަށީގެންވާ ގޮތެއްގައި ބައްޓަންކޮށް އަދި ސިއްޙީ ނިޒާމް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ނަރުހުންގެ ޚިދުމަތާއި ގުޅޭ ގޮތުން ޕީއެސްމްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލްގެ ޑެޕިއުޓީ ވަރޑް މެނޭޖަރ ޢާއިޝަތު ރިޝްފާ ވިދާޅުވީ، މަދުން ނަމަވެސް މުޖުތަަމަޢުގައި އުޅޭ ބައެއްް މީހުންގެ ފަރާތުން ބަލިމީހުންނަށް ފަރުވާ ދޭން ތިބޭ ނަރުހުންނަށް ބިރުދެއްކުމާއި އިންޒާރުގެ ބަސްތައް ރައްދުކުރާ ކަމަށެވެ. އަދި މިއީ ނަރުހެއްގެ ހައިސިއްޔަތުން ކަންބޮޑުވާ މައްސަލައެއް ކަމަށް ރިޝްފާ ފާހަގަކުރެއްވިއެވެ.

ތެދުވެރިކަމާއި އިޚްްލާސްތެރިކަމާ ޙިިކުމަތްތެރިކަމާއެކުގައި ބަލިމީހުންނަށް ބޭނުންވާ ނަރުހުންގެ ފަރުވާ ފޯރުކޮށްދިނުމަކީ ނަރުހުންގެ ޒިންމާއެކެވެ. ރާއްޖޭގައި މަސައްކަތްކުރައްވާ ނަރުހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި މިއީ ކުރިޔަށްދާން ރަނގަޅު ދާއިރާއެއް ކަމަށް ގިނަ ބަޔަކު ދެކޭއިރު، ރާއްޖޭގައި މި މަސައްކަތުގައި ގިނައިން ޙަރަކާތްތެރިވަނީ އަންހެން ކަނބަލުންނެވެ. އެހެންނަމަވެސް މިހާރު މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފިރިހެނުން ތަމްރީނު ހޯދަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޑެޕިއުޓީ ވަރޑް މެނޭޖަރ ޢާއިޝަތު ރިޝްފާ ވިދާޅުވި ގޮތުގައި، މިއީ ދެ ޖިންސުގެ މީހުންވެސް ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މިހާރު 686 ނަރުހުން މަސައްކަތްކުރެއެވެ. މީގެ ތެރެއިން 394 ނަރުހުންނަކީ ދިވެހިންނެވެ. އަދި 292 ނަރުހުންނަކީ ބިދޭސީ ނަރުހުންނެވެ. ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ ޑިނަރ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހަފްތާގައި ހެލްތް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައި، މި ޕްރޮގްރާމްގެ ތެރެއިން ބީޕީ ބެލުމާއި، ހަކުރު ބެލުމާއި، އެކިއެކިބަލިތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްެެއެޗުން މަޢުލޫމާތު ދެއްވައެވެ.