ކުޅިވަރު

ވަރުގަދަ ޓީމެއް ބަލިކުރުމަށް ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް: ކަލްޒޯނާ


"
އަހަރެމެންގެ ނަސީބު ރަނގަޅު ކަމަށް ވެދާނެ، އެކަމަކު އަހަރެމެން މަސައްކަތްކުރީ މޮޅުވާން.
ސްލޮވާކިއާގެ މިޑްފީލްޑަރު، ސްޓަނިސްލާވް ލޮބޮޓްކާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ވަރުގަދަ ބެލްޖިއަމް އަތުން 0-1 އިން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ބުނީ، ވަރުގަދަ ޓީމެއް އަތުން މޮޅުވުމަށްޓަކައި އޭނާގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދެއްކި ކަމަށެވެ.

އެ ޓީމުގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް އޮތް ދެ މެޗުގައި ނަތީޖާ ރަނގަޅުކޮށް، ނޮކްއައުޓް ބުރަށް ދަތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ. އެގޮތުން، ކަލްޒޯނާ ބުނީ، އެ ދެ މެޗުގައި ވެސް ލަނޑުޖަހަން މަސައްކަތްކުރާނެ ކަމަށެވެ.

މެޗުގެ ކުރީން، ކުޅުންތެރިންގެ ގާތުގައި އެންމެ މޮޅު ޓީމާ އެއްވަރުކުރެވިދާނެ ވާހަކަ ބުނެފައިވާނެ ކަމަށް ވެސް ކަލްޒޯނާ ފާހަގަކުރިއެވެ. އަދި ކަލްޒޯނާ ވަނީ ބެލްޖިއަމް އަތުން މި ހޯދީ ބޮޑު މޮޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިވަރުގެ ބޮޑު ޓީމަކާ ދެކޮޅަށް ބޮޑު ސްކޯއަކުން މޮޅެއް ހޯދަން ފަސޭހަނުވާނެ ކަމަށާއި، މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް ސްލޮވާކިއާގެ މިޑްފީލްޑަރު، ސްޓަނިސްލާވް ލޮބޮޓްކާ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްލޮވާކިއާ އަށް ދެން އޮތީ ޔޫކްރޭނާ ބައްދަލުކުރާ މެޗެވެ.