ކުޅިވަރު

އަހަރެމެންނާ މެދު ކުރެވުނު ޝައްކުތަކަށް މިއީ ދެވުނު ރައްދެއް: ރުމޭނިއާ ކޯޗު


ޔޫރޯ 2024 ގެ ގްރޫޕް އީ ގައި އިއްޔެ ޔޫކްރޭން އަތުން 0-3 އިން ހޯދީ މޮޅަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ ބުނީ، އޭނާގެ ޓީމާ މެދު ކުރީން އެއްވެސް ޝައްކެތް އޮތްނަމަ މިއީ އެމީހުން ދިން ރަނގަޅު ރައްދެއް ކަމަށެވެ.

މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި، އެކަމަށްޓަކަށް ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށް ވެސް އިއޮޑަނެސްކޫ ބުންޏެވެ.

އިއޮޑަނެސްކޫ ބުނީ، އޭނާ ކޯޗުކަމާ ހަވާލުވިފަހުން ވަރަށް އުނދަގޫ ދުވަސްތައް ތަޖުރިބާކޮށްފައިވާނެ ކަމަށެވެ. އަބަދު މިހާ ފަސޭހަނޫން ކަމަށް އިއޮޑަނެސްކޫ ފާހަގަކުރިއެވެ.

މީގެކުރިން ވެސް މިފަދަ ރަނގަޅު ނަތީޖާތައް ހޯދާފައިވާ ކަމަށާއި، ހާއްސަކޮށް އެމީހުންގެ ރަން ޖީލުގެ ކުޅުންތެރިންގެ ދުވަސްވަރުގައި މޮޅު ކުޅުން ފެނިގެންގޮސްފައިވާ ކަމަށް އިއޮޑަނެސްކޫ ބުންޏެވެ. އެކަމަކު، މިހާރުގެ ޖީލުން ހޯދީ މި ކާމިޔާބީ ވަރަށް ބޮޑަށް ހާއްސަވާ ކަމަށް އިއޮޑަނެސްކޫ ބުންޏެވެ.

މި ކާމިޔާބީ އަށް ޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ގައުމުގެ އެންމެހާ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ.

"އެއީ އަހަރެންގެ ކެރިއަރުގައި ޖެހި އެންމެ މުހިއްމު ގޯލް،" މެޗުގައި ޖެހި ގޯލާ ބެހޭގޮތުން ރުމޭނިއާގެ ކެޕްޓަން، ނިކޮލޭ ސްޓަންޗޫ ބުންޏެވެ.

ސްޓަންޗޫ ވަނީ، މެޗުގައި އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ސްޓަންޗޫ އިތުރަށް ބުނީ، އޭނާގެ ޓީމުގެ ކުޅުންތެރިންނާއި އޭނާ ވެސް އެހާ ބޮޑަށް އުފާ ފާޅުނުކުރާނެ ކަމަށެވެ. ހުރިހާ ސަމާލުކަމެއްދޭނީ ދެން އޮތް ބެލްޖިއަމް މެޗަށް ކަމަށް އޭނާ ބުންޏެވެ.

ރުމޭނިއާ އަށް ދެން އޮތީ ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.