ކުޅިވަރު

ލުކާކޫ ޖެހި ދެ ލަނޑުވެސް ބަލައި ނުގަތް، ސްލޮވޭކިއާއަށް ބޮޑު އުންމީދެއް!


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތަރިންގެ ބެލްޖިއަމް ބަލިކޮށް، ސްލޮވޭކިޔާއިން ބޮޑު އުއްމީދެއް ހޯދައިފި އެވެ. ސްލޮވޭކިޔާއިން ބެލްޖިއަމް ބަލިކުރީ 1-0 ނެވެ. މެޗުގައި ބެލްޖިއަމް ފޯވާޑް ލުކަކޫ ދެ ގޯލް ޖެހި ނަމަވެސް އުފާފާޅުކުރި ފަހުން ރެފްރީ ވަނީ އެ ދެގީލްވެސް ބަލައި ނުގަންފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖަހާ ސްލޮވޭކިޔާއިން ލީޑް ނެގީ 6 ވަނަ މިނިޓްގައެވެ. ބެލްޖިއަމް ޑިފެންޑަރުން ފަހަތުން ހެދި ގޯހެއްގައި ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުޞަތެއްގައި ލަނޑު ޖެހީ އިވާން ޝްރަންޒް އެވެ. އެންމެ ފުރަތަމަ ބޯޅަ ހޯދުމަށްފަހު އޭނާ ޖައްސާލީ އޭރިޔާ ތެރޭގައި ހުރި ޖޫރަޖް ކުޗްކާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ބެލްޖިއަމް ކީޕަރު ދިފާއުކުރުމުން ބޯޅަ ލިބުނީ އޭރިޔާ ތެރޭގައި ހުރި އިވާން އަށެވެ. އޭނާ ވަނީ ގޯހެއް ނަހަދަ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

އޭގެކުރިން ލަނޑު ޖަހަން އެންމެ ފުރަތަމަ ފުރުޞަތު ލިބުނީ ބެލްޖިއަމް އަށެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައި ޑޮކޫ އަރިމަތިން އަރަ ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ލުކަކޫއަށް ފޮނުވާލެވުނީ ކީޕަރާ ދިމާއަށެވެ.

16 ވަނަ މިނިޓްގައި ސްލޮވޭކިޔާގެ ފަހަތުން ކީޕަރަށް ހެދުނު ގޯހެއްގައި ނަތީޖާ ހަމަހަމަ ކުރަން ބެލްޖިއަމްއަށް ފުރުޞަތު ލިބުނެވެ. ކީޕަރަށް ބޯޅަ ޖައްސާލެވުނީ އޭރިޔާ ބޭރުގައި ހުރި ޓްރޮސާޑަށެވެ. އެކަމަކު އޭނާއަށް ގޯލާ އަމާޒުކޮށް ފޮނުވާ ނުލެވުނެވެ. 35 ވަނަ މިނިޓްގައި ވެސް ބެލްޖިއަމްއަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. ކޯނަރަކުން ތަނަވަސްވި ފުރުޞަތުގައި އޮނާނާ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ހިފީއެވެ.

40 ވަނަ މިނިޓްގައި ލީޑް ފުޅާކުރަން ސްލޮވޭކިޔާއަށް ލިބުނު ފުރުޞަތުގެ ބޭނުމެއްވެސް ނުކުރެވުނެވެ. ކުޗްކާ ހުރަސްކުރި ބޯޅަ ލޫކަސް ހަރަސްލިން ފޮނުވާލުމުން ކީޕަރު ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލިއެވެ. ޖެހިގެން އައި މިނިޓްގައި ބެލްޖިއަމްގެ ލުކަކޫ އަށް ގޯލް އޭރިޔާ ތެރެއިން ދިން ބޯޅަ ކީޕަރު ކައިރިން ނައްޓާ ވައަތްފަޅިއަށް ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ.

51 ވަނަ މިނިޓްގައި ސްލޮވޭކިޔާގެ ޑިފެންޑަރ ޑެނިސް ވަވްރޯ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. 55 ވަނަ މިނިތްގައި ގޯލް އޭރިޔާ ކަނާ ދިމާލުން ލުކަކޫ ފޮނުވާލި ބޯޅަ ކީޕަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. އެކޯނަރުން ތަނަވަސްވި ފުރުޞަތުގައި ލުކަކޫ ގޯލް ޖަހާ އުފާފާޅުކުރި ނަމަވެސް ވީއޭއާރުން ޗެކްކުރުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

58 ވަނަ މިނިތްގައި ޑި ބުރައިނާ ޑީ އޭރިޔާ ބޭރުން ތިރިތިރިން ގޯލްގެ ކަނާ ދިމާއަށް ފޮނުވާލި ބާރު ބޯޅަވެސް ދިފާއުކުރީ ސްލޮވޭކިޔާ ކީޕަރެވެ. ލުކަކޫ ޖައްސާލި ބޯޅަ ޑި ބުރައިނާ އެއްފަހަރުން ފޮނުވާލީ ސީދާ ކަނާ ދިމާއަށެވެ. ނަމަވެސް މުޅި މެޗުގައިވެސް ގިނަ ހަމަލާތަކެއް މަތަކުރި ކީޕަރު ވަނީ އެބޯޅަވެސް މަތަކޮށްފައެވެ.

61 ވަނަ މިނިޓްގައި ގޯލް އޭރިޔާ ކަނުން ލުކަކޫ އަށް ލިބުނު ބޯޅަ ފޮނުވާލެވުނީ ގޯލްގެ ބޭރު ދާގަނޑަށެވެ. 61 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ޑޮކޫ ތިރިން ފޮނުވާލި ބޯޅަ ގޯލް ރޮނގު ހުރަސްކުރުމުގެ ކުރިން ދިފާއުކުރީ ސްލޮވޭކިޔާ ޑިފެންޑަރު ޑޭވިޑް ހަންކޯ އެވެ. ޑޮކޫ އަށް ބޯޅަ ލިބުނީ ކީޕަރު ދިފާއުކުރި ބޯޅަ ރީބައުންސް އަށް ނިކުތުމުންނެވެ.

75 ވަނަ މިނިޓްގައި ސްލޮވޭކިޔާއިން ދެވަނަ ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. އިވާން ޝްރަންޒް ނަގައިދިން ބޯޅަ ކުޗްކާ ފުންނާބުން ފޮނުވާލުމުން ދިޔައީ އަރިމަތި ދަނޑި ކައިރިންނެވެ.

ލުކަކޫ ދެވަނަ ލަނޑެއް ޖަހާ އުފާފާޅުކުރީ 85 ވަނަ މިނިޓްގައެވެ. ފަހަތުން ކުޅުނު ދިގު ބޯޅައެއްގައި އޮޕެންޑާ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއްފަހަރުން ޖަހާ ގޯލްގެ މަތީ ކަނަށް ފޮނުވާލާ ބެލްޖިއަމް ކުޅުންތެރިން ވަރަށްބޮޑަށް އުފާފާޅުކުރި އެވެ. ނަމަވެސް ގިނަ އިރުތަކެއް ވަންދެން ބެލުމަށްފަހު ރެފްރީ ލަނޑެއް ނޫން ކަމަށް ނިންމީ އޮޕެންޑާ އަރިމަތިން ބޯޅަ ހުރަސްކޮށްދިނުމުގެ ކުރިން އޭނާ އަތުން ބޯޅަ ކޮންޓްރޯލް ކޮށްފައިވާތީ އެވެ.

މިއީ ސްލޮވޭކިޔާއަށް ވަރަށް އުފާވެރި އަދި އުއްމީދީ މޮޅެކެވެ. އެއާ ހިލާފަށް ބެލްޖިއަމްއަށް މިއީ ބަލައިގަނެވޭނެ ނަތީޖާއެއް ނޫނެވެ. ބެލްޖިއަމް އަކީ މިގްރޫޕްގެ ފެވަރިޓެވެ. މިއީ ސްލޮވޭކިޔާއަށް ބެލްޖިއަމް ބަލިކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ. މިގްރޫޕްގައި ދެން ހިމެނެނީ ރޮމޭނިޔާއާއި ޔުކްރެއިން އެވެ. އެދެޓީމް ވާދަކުރި މެޗު ފަސޭހައިން ކާމިޔާބުކުރީ ރޮމޭނިޔާ އެވެ.