ކުޅިވަރު

ފުރަތަމަ މެޗުން މޮޅެއް ހޯދުން މުހިންމު: ޑެޝޯމްޕްސް


ޔޫރޯ 2024 ގައި މިރޭ އޮސްޓްރިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ، މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ހޯދުން މުހިއްމު ކަމަށެވެ.

އެއީ މެޗު ކާމިޔާބުކޮށް، ގްރޫޕުގައި ކުރިއަށްޖެހިލުމުގެ ފުރުޞަތު ބޮޑުވާނެތީ ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އެހެންވެ އޮސްޓްރިއާ މެޗަށް ނިކުންނާނީ އެ އަޒުމުގައި ކަމަށާއި އެ މެޗު ކާމިޔާބުވާނީ ވަރަށް ރަނގަޅަށް ފޯކަސްކޮށްގެން ކަމަށްވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ޑެޝޯމްޕްސް ބުނީ، އެއްވެސް ކޯޗަކު ކުޅުންތެރިންގެ ގާތުގައި މޮޅުނުވިޔަސް މައްސަލައެއް ނެތް ކަމަށް ބުނެ، ފަރުވާކުޑަ ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މިއީ ބޮޑު މުބާރާތަކަށް ވުމުން އޭނާގެ ކުޅުންތެރިންގެ ގާތުގައި އެފަދަ ވާހަކައެއް އޭނާ ނުދައްކާނެ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

އޮސްޓްރިއާ އާއި ދެކޮޅަށް ނިކުތުމުގެ ކުރީން އެ ޓީމު ގުޅޭ ގިނަ ކަންތައްތަކެއް އޮބްޒާވްކޮށްފައިވާ ކަމަށްވެސް ޑެޝޯމްޕްސް ބުންޏެވެ. ޑެޝޯމްޕްސް އިތުރަށް ބުނީ، އޮސްޓްރިއާ ބޮޑަށް ފާހަގަވެފައިވަނީ މެޗުތަކުގައި އިންޓެންސިޓީ ލެވެލް އެއްވަރެއްގައި ހިފަހައްޓާ ޓީމެއްގެ ގޮތުގައި ކަމަށް ވިޔަސް، އެ ޓީމަކީ ކޮލިޓީ އާއި ހުނަރުގެ ގޮތުން ވެސް ސަމާލުވާންޖެހޭ ޓީމެއް ކަމަށެވެ.

ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ބުނީ، ޓީމަށްޓަކާ ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަން ތައްޔާރުކަމަށެވެ. އެންމެ ފުރަތަމަ އޮތް ޓާސްކަކީ ފުރަތަމަ މެޗުން މޮޅުވުން ކަމަށް އެމްބާޕޭ ބުންޏެވެ. މީގެ އިިިިތުރުން އެމްބާޕޭ ވަނީ، ޓީމުގެ ކޯޗު ހަވާލުކުރާ ކޮންމެ މަސްއޫލިއްޔަތެއް ފުރިހަމައަށް އަދާކުރަން ތައްޔާރުކަމަށް ވެސް ބުނެފައެވެ.

މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމާ ބެހޭގޮތުން އެމްބާޕޭ ބުނީ، އެ ޓީމު ފެންނަނީ ވަރުގަދަކޮށް ކަމަށާއި، ކްރޮއޭޝިއާ އަތުން ހޯދީ މޮޅާއެކު ސްޕެއިނުން އަމާޒުހިފާފައިވަނީ މުބާރާތް ކާމިޔާބުކުރުމަށް ކަމަށެވެ.

ގްރޫޕް ޑީ ގައި ހިމެނޭ އޮސްޓްރިއާ އާ ފްރާންސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.