ޚަބަރު

ސްކޭމްތައް ހުއްޓުވުމަށް ރައްޔިތުން އިތުރަށް ހުޝިޔާރުވާންޖެހޭ


  • ސްކޭމްތަކުގައި އަހަރަކު އެތައް މިލިއަން ރުފިޔާއެއް ގެއްލޭ

  • މަކަރާއި ހީލަތުން ފައިސާ ހޯދަނީ އޮޅުވައިލައިގެން ޒާތީ މަޢުލޫމާތު ހޯދައިގެން

ތިމާ ބުރަ މަސައްކަތުން ހޯދާ ފައިސާ މަކަރާއި ހީލަތުން ފޭރިގަންނަ މައްސަލަ ފަހަކަށް އައިސް ރާއްޖޭގައިވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިކަން ކުރަނީ އެކި އުކުޅުތައް ބޭނުންކޮށްގެންނެވެ. މިފަދަ ދަންތުރަ ތަކުގައި ޖެހެނީ ގިނަ ފަހަރު ދޭންވާ ސަމާލުކަން ނުދެވުމުގެ ސަބަބުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި، ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އެހާ އަހުލުވެރި ނޫން މީހުންނަށް މިފަދަ ކަންކަން ކުރާ ފަރާތްތަކުން އަމާޒުކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް މިފަދަ ކަންކަމުގެ ޝިކާރައަކަށް އެތައް ބަޔަކުވެ އެތައް މިލިއަން ރުފިޔާއެއް ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ. ގުޅައިގެން އޮޅުވާލައި ޒާތީ މަޢުލޫމާތު ހޯދައި އެ މީހެއްގެ ނަމުގައި އެތަކެއް ޖިނާޢީ ކުށަކަށް އަރައިގަނެއެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށް ތިމާއަށް އެޅި ދާނެ ފިޔަވަޅުތަކެއް އެއްބަހުއްޓެވެ. އޭގެ ތެރޭގައި ތިމާގެ ނަމުގައި ގިނަ ސިމް ކާޑްތަކެއް ނަގާފައިވާނަމަ އެތަކެތީ ތެރެއިން ބޭނުންކުރާ ސިމް ފިޔަވާ އެހެން ސިމްތައް ޑިސްކަނެޓްކުރުން މުހިންމެވެ. އަދި ތިމާގެ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސިމްއެއް ނަގާފަވޭތޯ ޗެކްކޮށްލެވިދާނެއެވެ.

މީގެ އިތުރުން ތިމާ ދަންނަ މީހަކުވިޔަސް، މެސެޖުކޮށް އެކައުންޓު ނަމްބަރެއްދީ ފައިސާ ހޯދާއިރު، ރާއްޖޭގައި ކޮންމެ މީހަކަށްވެސް ބޭންކް އެކައުންޓެއް ހުޅުވޭ މި ޒަމާނުގައި އެމީހާގެ އެކައުންޓަށް ޖަމާނުކޮށް ތިމާގެ އެކައުންޓަށް ފައިސާ ޖަމާކުރަން އުޅޭ ސަބަބާމެދު ވިސްނާލަން ޖެހެއެވެ.

ސަރުކާރުގެ އެއްވެސް މުޢައްސަސާއެއް، އެއްވެސް ބޭންކެއް ތިމާގެ ޒާތީ މައުލޫމާތު ނޭނގިގެން ނުގުޅާނެކަން ހަނދާން ކުރަން ޖެހެއެވެ. އެއީ އެތަންތަނުގައި ތިމާ އަމިއްލައަށް ރެޖިސްޓްރީވާއިރު އެފަދަ މަޢުލޫމާތުތައް ހިއްސާކޮށްފައިވާއިރު، އެ މަޢުލޫމާތު ފޯނު މެދުވެރިކޮށް އެއްވެސް ފަރާތަކާއި ހިއްސާކުރުމަކީ މަކަރުގެ ދަންތުރައެއްގެ ތެރެއަށް އެޅޭ ފިޔަވަޅެކެވެ. ޙާއްސަކޮށް ތިމާގެ އަމިއްލަ ނަންބަރަށް އަންނަ އޯޓީޕީއަކީ އެއްވެސް މީހަކާއި ހިއްސާކުރެވިގެންވާނެ އެއްޗެއް ނޫނެވެ. އެގޮތަށް ފޯނަން އަންނަ ލިންކުތައް ނުހުޅުވަން ސަމާލުވާން ޖެހެއެވެ.

ފުލުހުން ވަނީ މިފަދަ މައުލޫމާތު ހިއްސާކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރަން އޮންނަ އުޞޫލުތަކާއި އެއްގޮތަށް އެފަދަ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިފަހަކަށް އައިސް ތަފާތު ޕެޓިޝަންތަކާއި އެކިއެކި ކުއިޒް ތަކުގައި، އެއްވެސް ފަރުވާލެއް ނެތި ޒާތީ މައުލޫމާތު ހިއްސާކުރަމުން ގެންދާކަން ފުލުހުންވެސް ވަނީ ފާހަގަކޮށްފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދަނީ ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އެކަންޏެއްވެސް ނޫނެވެ. އޮންލައިން ޕޭޖުތައް ހަދައި، އެކި ބާވާތުގެ ސާމާނު ވިއްކަން ޖަހާފައި ހުރެއެވެ. ނަމަވެސް އެއީ އަސްލު ވިޔަފާރިއެއްތޯ ކަށަވަރު ނުކޮށް އެފަދަ ޕޭޖުތަކަށް އިތުބާރުކޮށްގެން ނުވާނެއެވެ. އޮންލައިން ސައިޓުތަކުގައި ބުނާގޮތަށް ފައިސާ ޖަމާޢުކޮށްގެން އެންމެ ފަހު ވަގުތު ތިމާއަށް ހީނުކުރާފަދަ ބޮޑު ލަނޑެއް ލިބިދާނެއެވެ.

ރާއްޖޭގައި، މަކާރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ގިނަވެފައިވާއިރު، ބައެއް ފަހަރު ކުޑަ މަސައްކަތަކުންވެސް އަވަސް ބޮޑު ފައިދާއެއް ހޯދައިގަތުމަށްވެސް އެކި ސްކޭމްތައް ހިންގައެވެ.

އެގޮތުން ފޮރެކްސް ޓްރޭޑު ކުރުމުގެ ނަމުގައި ބޮޑު ފައިދާ ހޯދަ ދޭނެ ކަމަށް ބުނެ ފައިސާ ހޯދުމުގެ މައްސަލަވެސް މިއީ މިފަހަކަށް އައިސް އިތުރުވާ މައްސަލަ އެކެވެ. އަދި ޑޮލަރު ވިއްކާކަމަށްބުނެ ހިންގާ ސްކޭމްތައްވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް މިފަދަ ސްކީމްތަކަކީ، އެކެއްގެ އަތުން ފައިސާ ހޯދައިގެން އެހެން މީހަކަށް ލާރިދީ، އެ ހިންގާ މީހާ ފައިސާ ނަގައިގެން ފަހު ވަގުތު ފިލާ ކަހަލަ ސްކޭމް ތަކެކެވެ. ފަހު ވަގުތު ތިމާ "އިންވެސްޓު" ކުރި ފައިސާވެސް ގެއްލިދަނީއެވެ.

ހަޤީގަތުގައި މިފަދަ މައްސަލަތައް މަދުކުރުމަށް މަކަރުވެރި ފަރާތްތަކަށް ވުރެ ރައްޔިތުން ހުޝިޔާރުވާން އެބަޖެހެއެވެ. ތިމާ ސަމާލުކަން ދޭ ކުޑަކަމަކުންވެސް ބޮޑު ގެއްލުމަކުން ސަލާމަތްވެދާނެއެވެ. މިއީ ކަމާއި ބެހޭ މުޢައްސަސާތަކުން އަބަދުވެސް ތަކުރާރުކޮށް ދައްކަމުންދާ ވާހަކައެވެ.