ކުޅިވަރު

ރޫމޭނިއާއިން ކުޅޭނީ ތަފާތު ދައްކަން


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ޔޫކްރޭނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރޫމޭނިއާގެ ކޯޗު، އިއޮޑަނެސްކޫ ބުނީ، އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ރޫމޭނިއާއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުން މިފަހަރު އެ ޓީމުން ތަފާތު ދައްކަން ބޭނުންވާކަމަށެވެ.

އިއޮޑަނެސްކޫ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ގައުމަށް ނިސްބަތްވާ ފަރާތްތަކުގެ ކިބައިން އެ ޓީމާއެކު ތިބުމަށް އެދިފައެވެ. އެއްބައިވަންތަކަމާއި އެއްރޫހެއްގައި މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނެ ކަމަށް އިއޮޑަނެސްކޫ ބުންޏެވެ.

އިއޮޑަނެސްކޫ ބުނީ، އޭނާގެ ޓީމުގައި އަނިޔާގެ ކުދި މައްސަލަތައް އެބަހުރިކަމަށާއި، އެކަމަކު މެޗުގެ ކުރީން އެ ހުރިހާ ކުޅުންތެރިން އެއްކޮށް ފިޓްވާނެ ކަމަށް އުއްމީދުކުރާކަމަށެވެ.

އެ ޓީމުގެ މިޑްފީލްޑަރު، ނިކޮލާ ސްޓަންޗިއު ބުނީ، ޔޫކްރޭނަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގެ އެޓޭކުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ވެސް ތަފާތު ދެއްކޭނެކަން މިދިޔަ މެޗުތަކުގައި ސާބިތުކޮށްދީފައިވާ ކަމަށެވެ.

އޭނާ ބުނީ މެޗަށް ނިކުންނަނީ ސަޕޯޓަރުންނާއި ގައުމަށްޓަކައި ކަމަށެވެ. އުއްމީދަކީ އެމީހުންނަށް އުފާވެރިކަން ގެނެސްދިނުން ކަމަށް ވެސް ސްޓަންޗިއު ބުންޏެވެ.

މުބާރާތުގެ ގްރޫޕް އީ ގައި ހިމެނޭ ރޫމޭނިއާ އާ ޔޫކްރޭން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.