ޚަބަރު

ސައިކަލްތަކުގައި ރޯކޮށްލީ ކަމަށް މިހާތަނަށް ސާބިތެއް ނުވޭ: ޝިފާން


  • 5 ސައިކަލުވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި

  • ފުލުހުން އަންނަނީ މައްސަލަ ތަހުޤީޤްކުރަމުން

މާލޭ މަގުމަތީ ހުރި ސައިކަލުތަކުގައި ރޯވި ހާދިސާއަކީ ބަޔަކު ގަސްތުގައިކުރި ކަމެއް ކަމަށް ސާބިތުނުވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ މިހާތަނަށް ބެލުމުން މިހާދިސާއަކީ ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ބެލެވޭކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ ރޭ 00:37 ހާއިރުގައިކަމަށެވެ. މިޙާދިސާގެ ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 00:42 ހާއިރުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވިނަމަވެސް އެސަރަޙައްދުގައި ހުރި 5 ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިމައްސަލަ ތަޙުގީގުކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ހޮޓެލް ޖެން ކައިރީ ޕާކިންގ ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި މިމަހުގެ 4 ވަނަ ދުވަހުވަނީ ރޯކޮށްލާފައެވެ. އެޙާދިސާގައި 7 ސައިކަލަކަށާއި ވޭނަކަށް ގެއްލުންވެފައިވާއިރު އޭގެ ތެރެއިން 3 ސައިކަލު ބޭނުން ނުކުރެވޭ ވަރަށްވަނީ އަނދާފައެވެ. މިމައްސަލައިގައި އަލިފާން ރޯކޮށްލި މީހާ ދެނެގަނެވިފައިވާއިރު އޭނާ ހައްޔަރުކޮށް ބަންދަށްވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.