ކުޅިވަރު

ދެ ހާފު ފެނުނީ ވަރަށް ތަފާތުކޮށް، މިއީ އިންސާފުވެރި ނަތީޖާއެއް: ކެކް


ޔޫރޯ 2024 ގެ ގްރޫޕް ސީގައި ރޭ ޑެންމާކާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮވީނިއާގެ ކޯޗު، މަޓްޔެޒް ކެކް ވަނީ، ދެ ހާފު ފެނުނީ ވަރަށް ތަފާތުކޮށް ކަމަށާއި، މިއީ ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށް ބުނެފައެވެ.

އެގޮތުން، ސްލޮވީނިއާގެ ކޯޗު، ކެކް ބުނީ، މެޗުގެ ފުރަތަމަ ހާފު ކުޅުނީ ޑެންމާކަށް މާބޮޑަށް އިހުތިރާމްކޮށްގެން ކަމަށާއި، އެކަމަކު ފަހު ހާފުގައި އޭނާގެ ޓީމުން ކުޅުން ރަނގަޅުކުރި ކަމަށެވެ.

ކެކްގެ ވާހަކައިގައިވަނީ، ސްލޮވީނިއާގެ ގިނަ ކުޅުންތެރިން ޔޫރޯ ފަދަ ބޮޑު މުބާރާތެއްގައި ކުޅެފައިނުވާ ކަމަށް ފާހަގަކޮށްފައެވެ. އަދި، މިފަދަ އިތުރު މުބާރާތްތަކުގައި ކުޅެ، އޭނާގެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމަށް ބުންޏެވެ. މީގެއިތުރުން، މި މެޗުގައި އެ ޓީމުގެ ގޯލްކީޕަރު، ޔެން އޮބްލަކް ކުރި މުހިއްމު ސޭވްތަކާ ބެހޭގޮތުން ދެއްކި ވާހަކައިގައިވަނީ އޭނާ އަށް ތައުރީފުކޮށްފައެވެ.

މެޗަށްފަހު ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން ބުނީ، އޭނާގެ ޓީމުން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ކަމަށާއި، އެކަމަކު މެޗުގެ 70 ވަނަ މިނެޓަށްފަހު ކުޅުންތެރިންގެ ފަރާތުން އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ނުފެނުނު ކަމަށެވެ. އަދި އޭނާގެ ޓީމަށް ރަނގަޅު ފުރުޞަތުތައް ލިބުނު ކަމަށާއި، އެގޮތުން ކައުންޓައެޓޭކުގައި ތަނަވަސްކުރި ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި، މެޗެއްގައި ދެވަނަ ގޯލެއްޖަހަން ލިބޭ ފުރުޞަތުގެ ބޭނުންނުހިފުމުން ދެން ކުރިމަތިވެދާނެ ކަންތައް ރަނގަޅަށް ފެނިގެންގޮސްފިކަމަށް ޔޫލްމަން ބުންޏެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުގައި ސްލޮވީނިއާ އިން ނިކުންނާނީ ސާބިއާ އާ ދެކޮޅަށެވެ. ޑެންމާކަށް ދެން އޮތީ އިންގްލެންޑާ ބައްދަލުކުރާ މެޗެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު އެވެ.