ޚަބަރު

ބީސީސީގެ ސުޕަހީރޯއިން ދައްކުވައިދެނީ ފްރީލާންސް މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުން


  • ފްރީލާންސް މަސައްކަތްތެރިންނަށް އެހީވުމަށް ބީސީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

  • ކުރާ މަސައްކަތަށް އުޖޫރަ ނުލިބުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން

  • ބީސީސީގެ "ސުޕަހީރޯ"އިން ގިނަ މެސެޖުތަކެއް ދޭ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ކުދި ވިޔަފާރިތައް ކުރިއަރުވާ، އެފަދަ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏެކެވެ. އެގޮތުން ޕްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތްކުރުމަށް ފަހި މާހައުލެއް ހޯދައިދީ، އެމީހުންގެ މަސައްކަތްތައް ކުރިއެރުވުމަށް ބީސީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަޟްޙާ ޢީދާއި ބައިނަލްއަޤްވާމީ ބަންޕައިންގެ ދުވަހާ ގުޅުވައިގެން ބީސީސީން ވަނީ "ސުޕަހީރޯ"ގެ ނަމުގައި ކުރު ފިލްމެއް ނެރެފައެވެ. "ސުޕަހީރޯ"އަކީ ފްރީލާސްކޮށް ނުވަތަ އަމިއްލައަށް މަސައްކަތްކުރާ މީހުން ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ އަދި ގިނަ މެސެޖުތަކެއް ފޯރުކޮށްދޭ ފިލްމެކެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސާމިހް އާދަމް ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޮފީސްތަކާއި ކުންފުނިތަކާއި ބޮޑެތި ވިޔަފާރިތަކަށް ބަރޯސާނުވެ، އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުން މުޖުތަމަޢުގައި މިހާރު ވަރަށް ގިނަ ކަމަށެވެ. ނަމަވެސް އެމީހުންގެ މަސައްކަތަކީ ގޮންޖެހުން ބޮޑު އަދި މުޖުތަމަޢުގައިވެސް އެހާ ރަނގަޅު ވިސްނުމެއްގައި ބަލައިގަންނަ މަސައްކަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ބީސީސީން ތައްޔާރުކޮށްފައިވާ ސުޕަހީރޯ ކުރު ފިލްމުން ދައްކުވައިދެނީ ފްރީލާންސް މަސައްކަތްތެރިންގެ ބުރަ މަސައްކަތާއި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކެވެ.

މިފިލްމުގައި ފެންނަނީ އެކަނި ކުރާ މަސައްކަތުން ވީޑިއޯ ކޮންޓެންޓް ހަދާ، އެ ވިއްކުމަށް މަސައްކަތް ކުރާ މީހަކަށް ދިމާވާ ދަތިތަކެވެ. އެގޮތުން އެފަދަ މީހުންގެ މަސައްކަތްތައް ބަލައި ނުގަތުމާއި އަދި ކުރާ މަސައްކަތަށް އުޖޫރަ ހޯދުމަށް ހުރި ގޮންޖެހުންތައް މިއިން ދައްކުވައިދެއެވެ. އަދި މިފަދަ ފަރާތްތަކުން އަމިއްލަ ދިރިއުޅުން ބިނާކުރުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އެޕްރޮޑަކްޓްތައް ގަންނަ ފަރާތްތަކުން ފައިސާ ދިނުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ދެން ކުރިމަތިވާ ދަތިތައް މިކުރު ފިލްމުގައި ދައްކުވައިދެއެވެ.

ސާމިހް ވިދާޅުވީ މި ވީޑިއޯގެ ބޭނުމަކަށް ވަނީ ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންގެ މަސައްކަތް ބަލައިގަނެ، އެއީވެސް ވިޔަފާރި ސިނާޢަތަށް މުހިންމު ޚިދުމަތެއްކަން ބުނެދިނުންކަމަށެވެ. އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ދިނުންކަމަށެވެ.

ސާމިހް ވިދާޅުވީ ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި އަމިއްލައަށް ކުދި ވިޔަފާރިކުރާ މީހުންގެ މަސައްކަތްތަކަށް އެހީވެ، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދާދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.