މިހާރު ކުރިއަށްދާ ޔޫރޯ 2024 ގައި އެއްވަރުވި ފުރަތަމަ މެޗަކަށް ޑެންމާކާއި ސްލޮވީނިއާ ވާދަކުރި މެޗު ވެއްޖެއެވެ. ގްރޫޕް ސީގެ ފުރަތަމަ މެޗު އެއްވަރުވީ 1-1 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ޑެންމާކުން ނެވެ. ޑެންމާކަށް ލަނޑު ޖަހައިދިނީ 2020 ވަނަ އަހަރުގެ ޔޫރޯގައި ހާޓް އެޓޭކެއް ޖެހި އެމުބާރާތާ ވަކިވާން ޖެހުނު އެރިކްސެން އެވެ. 17 ވަނަ މިނިޓްގައި ޖޯނަސް ވިންޑް ފުންނާބުން އެރިކްސަން އަށް ބޯޅަ ޖައްސާލުމުން ގޯލް އޭރިޔާ ބޭރުގައި ހުރެ, މޭން ކޮންޓްރޯލް ކޮށްލުމަށްފަހު ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. އޭގެ ކުރިން 16 ވަނަ މިނިޓްގައި ސްލޮވީނިޔާގެ ސެސްކޯ ޑީއޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލްގެ އަރިމަތިން ދިޔައީ ބޭރަށެވެ.
27 ވަނަ މިނިޓްގައި އެރިކްސަން ދެވަނަ ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. ގޯލް އޭރިޔާ ކުރިމައްޗަށް އެރިކްސަން ހުރަސްކުރި ބޯޅަ ސްލޮވީނިޔާ ކުޅުންތެރިން ގައިގަ ޖެހި ބައިކޮޅަށް ނުވަނީ ހަމަ ކިރިޔާ އެވެ. ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ކުޑަތަންކޮޅެއް ބޭރަށެވެ.
33 ވަނަ މިނިޓްގައި ވެސް އެރިކްސަން ތިރިތިރިން ގޯލް އޭރިޔާ ތެރެއަށް ރީތި ބޯޅައެއް ހުރަސްކޮށްލި ނަމަވެސް, ޑެންމާކް ކުޅުންތެރިޔާއަށް ލިބުމުގެ ކުރިން ސްލްވީނިޔާގެ ޑިފެންޑަރު ބޯޅަ ސާފްކޮށްލީ އެވެ. 24 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލަން ލިބުމުން އެރިކްސަން އަށް ފޮނުވާލެވުނީ ގޯލްގެ އަރިމަތިން މާބޮޑަށް ބޭރަށެވެ.
ދެވަނަ ހާފް ފަށައިގެން 64 ވަނަ މިނިޓްގައި ޑެންމާކްގެ ރަސްމުސް ހޮއިލުންޑް އަށް ލަނޑު ޖަހަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. ނަމަވެސް ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އޭނާ އަށް ޖައްސާލެވުނީ ކީޕަރާ ދިމާއަށެވެ. ޖެހިގެން އައި މިނިޓްގައި ސްލޮވީނިޔާގެ އެޑަމް ސެރިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ މާބޮޑަށް އަރިމަތިންނެވެ. އަދި 76 ވަނަ މިނިޓްގައި ސެސްކޯ ފޮނުވާލި ބާރު ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އެކަމަކު އޭގެ ހިނދުކޮޅެއްގެ ތެރޭގައި ޑިފެންޑަރ އެރިކް ޖަންޒާ ލަނޑު ޖަހާ ސްލޮވީނިޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ސްލޮވީނިޔާއަށް ލިބުނު ކޯނަރެއް ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރި އެރިކް ޖަންޒާ އަށް ލިބުމުން އެއްފަހުރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޑެންމާކް ކުޅުންތެރިއެއް ގައިގަ ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ.
މެޗުން މޮޅުވާން 81 ވަނަ މިނިޓްގައި ސްލޮވީނިޔާއަށް ލިބުނު ފުރުސަތު އަންދްރާ ސްޕޯރާ އަށް ބޭނުމެއް ނުކުރެވުނެވެ. ބޯޅައާއެކު ކުރިއަށް އަރާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. މިއީ މުބާރާތުގައި އެއްވަރުވި ފުރަތަމަ މެޗެވެ. މިގްރޫޕްގެ އިންގްލެންޑާއި ސާބިއާ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ވާދަކުރާނެ އެވެ.