ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ޢީދު ތަހުނިޔާ ފޮނުއްވައިފި


  • މިއީ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމަށް ބޭނުންތެރި އެއްބައިވަންތަކަން ދައްކުވައިދޭ ދުވަހެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ވެސް ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.

މޯދީގެ މެސެޖުގައި ޢީދު ދުވަހު ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމަށް ބޭނުންތެރި އެއްބައިވަންތަކަން ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ އިންޑިއާގައި އޮތް ތަފާތު ސަގާފަތްތައް ހިމެނޭ ތަރިކައިގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރެވޭ ދުވަހެއްކަމަށް ވެސް މޯދީގެ މެސެޖުގައި ވިދާޅުވިކަމަށް ވަނީ ފާހަގަކުރައްވާފައެވެ.