ކުޅިވަރު

މޮޅަށް ކުޅެ ޕޮލަންޑް އަތުން ނެދަލަންޑްސް އުނދަގޫ މޮޅެއް ހޯދައިފި


މިހާރު ކުރިއަށްދާ ޔޫރޯ 2024 ގައި މޮޅަށް ކުޅެ ޕޮލަންޑް އަތުން ނެދަލަންޑްސް އުނދަގޫ މޮޅެއް ހޯދައިފިއެވެ. ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ދެޓީމްގެ ފުރަތަމަ މެޗު މިރޭ ނެދަލެންޑްސް އިން ކާމިޔާބުކުރީ 2-1 ނެވެ.

މެޗު ނެދަލެންޑްސް އިން ކާމިޔާބުކުރީ ޕޮލެންޑުން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މުޅި މެޗުގައި ވެސް މޮޅަށް ކުޅެ، ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި ނެދަލެންޑްސް ކޮޅަށް ގޯލް ޖަހާ ޕޮލެންޑުން ފުރަތަމަ ލީޑް ނެގީ 16 ވަނަ މިނިޓްގައެވެ. އެއީ ލިބުނު ކޯނަރެއް އޭރިޔާ ތެރެއަށް ހުރަސްކޮށްދިނުމުން ގޯލް އޭރިޔާތެރޭ ހުރެ ބޮލުން ފޮނުވާލައިގެން ޕޮލެންޑަށް ލީޑް ނަގައިދިނީ އެޑަމް ބޫކަސްއެވެ.

އޭގެކުރިން މެޗުގެ ފުރަތަމަ މިނިޓްގައި ނެދަލެންޑްސްގެ ގަކްޕޯ ގޯލްއޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ޕޮލެންޑް ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި މިޑްފީލްޑަރ ޓިޖާނީ ރައިންޑާރސް އަށް 9 ވަނަ މިނިޓްގައި ލިބުނު ބޯޅަ ފޮނުވާލެވުނީ ގޯލްގެ އަރިމަތިން ބޭރަށެވެ.
އޭގެ ފަހުން 24 ވަނަ މިނިޓްގައިވެސް އޭނާއަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. އަދި އޭގެކުރިން ޑިޕާއީއަށް ވެސް ރަނުގެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވުނެވެ.

26 ވަނަ މިނިޓްގައި ޑަމްފްރީސް ބޮލުން ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވި އެވެ.
ނެދަލެންޑްސް އިން ނަތީޖާ ހަމަހަމަ ކުރީ 28 ވަނަ މިނިޓްގައެވެ. ޑީއޭރިޔާ ތެރެއިން ގަކްޕޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޕޮލެންޑް ކުޅުންތެރިން ގައިގަ ޖެހި މިސްރާބު ބަދަލުވެގެން ނެވެ. އެބޯޅަ އަށް ޕޮލެންޑް ކީޕަރަށް ޑައިވް ކުރެވުނީ ވެސް ނުބައި ފަޅިއަށެވެ.
41 ވަނަ މިނިޓްގައި ލީޑް ނަގަން ގަކްޕޯ އަށް ފުރުޞަތު ލިބުނެވެ. އެކަމަކު ގޯލް އޭރިޔާ ރޮނގުމަތިން ގަކްޕޯ ފަޔަށް ޖައްސާލި ބޯޅަ ފޮނުވާލެވުނީ މަތިންނެވެ.ބ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޑިޕާއީ ފޮނުވާލި ބޯޅަ އަރިމަރިން ބޭރުވީ ކައިވަތެއް ވަރު ތަންކޮޅެކެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި ޑަމްފްރީސް ގޯލް އޭރިޔާ ތެރޭގައި ހުރި ޑިޕާއީއަށް ބޮލުން ހުރަސްކޮށްލި ބޯޅަ ޑިޕާއީ އަށް ލިބުމުގެ ކުރިން ކީޕަރު ދިފާއުކުރި އެވެ.
ގަކްޕޯ މުޅިން ހުސްކޮށްލާފަ އޭރިޔާ ތެރެއިން ޒަވީ ސިމޯންސް އަށް ދިން ބޯޅަ ވެސް ފޮނުވާލެވުނީ އަރިމަތިން ބޭރަށެވެ. މިހާފްގައި ޕޮލެންޑްގެ ކިވިއޯ އަށް 58 ވަނަ މިނިޓްގައި ލަނޑެއް ޖަހާނެ ފުރުޞަތެއް ލިބުނެވެ. އެކަމަކު ރަނގަޅަށް ފޮނުވާލި ނަމަވެސް ކީޕަރު ދިފާއު ކުރީއެވެ.
64 ވަނަ މިނިޓްގައި ޑަމްފްރީސް ގޯލްއޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަވެސް ގޯލް ކުރިމަތިން ހުރަސްވެގެން ދިޔައީ ބޭރަށެވެ. ނެދަލެންޑްސް އިން ހުއްޓުމެއް ނެތި ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނިޓްގައި ވައުޓް ވެހޯސްޓް ލަނޑު ޖަހާ ލީޑް ނަގައި ދިނުމުންނެވެ. އޭނާ 81 ވަނަ މިނިޓްގައި ކުލެން ނިކުތީ ޑިޕާއީގެ ބަދަލުގައެވެ.

89 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޕޮލެންޑް ޖެހިލިއެވެ. ބަދަލަކަށް ނިކުއިން ޕިއޮޓޮރޮސްކީ ފޮނުވާލި ނުރައްކާތެރި ބޯޅަ ނެދަލެންޑްސް ކީޕަރު ދިފާއުކުރީއެވެ. އިތުރު ވަގުތުގައި ނިކޯލާ ޒަލެވުސްކީ ފޮނުވާލި ބާރު ބޯޅަވެސް ނެދަލެންޑްސް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރު ކޮށްލިއެވެ.

ޖުމްލަކޮށް މިމެޗަކީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި އެޓޭކްތައް އުފެއްދި މެޗެކެވެ. ގްރޫޕް ޑީގައި ދެން ހިމެނެނީ އޮސްޓްރިއާއާ ފްރާންސެވެ.