ކުޅިވަރު

ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗެއް ތަފާތެއް ނުކުރާނަން: ސްޓޮއިކޮވިޗް


މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރީން، އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮއިކޮވިޗް ވަނީ، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗާއި، ދެވަނަ އަދި ތިންވަނަ މެޗު ތަފާތު ނުކުރާނެ ކަމަށް ބުނެފައެވެ.

ސްޓޮއިކޮވިޗް ބުނީ، ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްވެސް އޭނާ އަށް ހަމަހަމަ ކަމަށެވެ. އޭނާ ބުނީ، ފުރަތަމަ މެޗުގައި މުބާރާތުގެ ފޭވަރިޓަކާ ދެކޮޅަށް ނިކުންނަން ޖެހިފައިވާއިރު މި މެޗު ފަސޭހަނުވާނެ ކަމަށެވެ.

ސްޓޮއިކޮވިޗް އިތުރަށް ބުނީ، އިންގްލެންޑް ފަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެންމެ މޮޅު ކުޅުން ދައްކަންޖެހޭ ކަމަށެވެ. އެގޮތުން، ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް އެމީހުންނަށް މައްސަލަތައް ކުރިމަތިކުރަން މަސައްކަތްކުރާނެ ކަމަށް ސްޓޮއިކޮވިޗް ބުންޏެވެ.

މިވަރުގެ ބޮޑު މުބާރާތެއްގައި ކޮންމެ މެޗެއްގެ ހުރިހާ ވަގުތެއްގައި ސަމާލުކަންދޭން ޖެހޭނެ ކަމަށް ސްޓޮއިކޮވިޗް ބުންޏެވެ. ފިޒިކަލީ އަދި ޓެކްޓިކަލީ އޭނާގެ ޓީމު ތައްޔާރަށް އޮތް ކަމަށް ސްޓޮއިކޮވިޗް ވަނީ ބުނެފައެވެ.


ސާބިއާގެ ކެޕްޓަން، ޑޫސަން ޓަޑިޗް ބުނީ، 24 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ކުޅެވޭތީވެ ވަރަށް ހާއްސަ އުފަލެއް ކަމަށެވެ. އަދި، އެކަމުގެ ސަބަބުން އެ ޓީމަށް އޮތް ޕްރެޝަރު އިތުރުވިކަމަށް އޭނާ އެއްބަސްވިއެވެ.

އުއްމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށާއި، ހާއްސަކޮށް މިހާރުގެ ކޯޗު (ސްޓޮއިކޮވިޗް)ގެ އިރުޝާދުގެ ދަށުން ރީތި ފުޓްބޯޅައެއް ކުޅެން ބޭނުންވާކަމަށް ޓަޑިޗް ބުންޏެވެ. އިންގްލެންޑަކީ ފޭވަރިޓުންނަށް ވިޔަސް އެމީހުން، އަހަރެމެން އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށް ވެސް ޓަޑިޗް ބުންޏެވެ.

އިންގްލެންޑާ ދެކޮޅަށް ސާބިއާ ނިކުންނާނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.