ކުޅިވަރު

އެންމެ ފޯމުގައި ކުޅޭއިރު ކޮންމެ ޓީމަކަށްވެސް އުނދަގޫތައް ކުރިމަތިކުރެވިދާނެ: ކެކް


މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ ޑެންމާކާ ދެކޮޅަށް ނިކުތުމުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްލޮވީނިއާގެ ކޯޗު، މަޓްޔެޒް ކެކް ބުނީ، އޭނާގެ ޓީމު އެންމެ ފޯމުގައި ކުޅޭއިރު ކޮންމެ ޓީމަކަށް ވެސް އުނދަގޫތައް ކުރިމަތިކުރެވިދާނެ ކަމަށެވެ. އެކަންތައް އޭނާގެ ޓީމުން ނެރެފައިވާ ނަތީޖާތަކުން ފެނިގެންދާނެ ކަމަށް ކެކް ބުންޏެވެ.

ކެކް ބުނީ، ސްލޮވީނިއާ އިން ޔޫރޯގައި ނުކުޅެ މާގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން މުބާރާތަށް އައިސް ސްޓޭޑިއަމެއްގައި އެ ގައުމުގެ ދިދަ ވިހުރުވާލައި މަންޒަރު ފެނުނަސް ހިތްހަމަޖެހުން ލިބޭ ކަމަށް ކެކް ފާހަގަކުރިއެވެ.

މި މެޗުގައި ފޭވަރިޓަކީ ޑެންމާކް ކަމަށް ވިޔަސް، އެމީހުން އަތުން ސްލޮވީނިއާ އަށް މޮޅުވެވިދާނެ ކަމަށް ކެކް ބުންޏެވެ. ޑެންމާކް ހިމެނެނީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދިދާނެ ޓީމުތަކުގެ ތެރޭގައި ކަމަށާއި، އެ ޓީމުގެ ތަރިންނާ ވާދަކުރެވޭ ކޮލިޓީ އޭނާގެ ސްލޮވީނިއާގައި އެބައޮތް ކަމަށް ވެސް ކެކް ބުންޏެވެ.

ސްލޮވީނިއާގެ މިޑްފީލްޑަރު، ޓިމީ މެކްސް އެލްސްނިކް ބުނީ، އުއްމީދަކީ ޑެންމާކް އަތުން މޮޅަކާއެކު ފެށުން ކަމަށެވެ. އެއީ ސްލޮވީނިއާ އަށް ވަރަށް ރަނގަޅަށް އެނގޭ ޓީމެއް ކަމަށް އެލްސްނިކް ބުންޏެވެ.

މެޗު ކާމިޔާބުކުރުމަށް ކިރިޔާ ފުރުޞަތެއް އޮތީ ފިޒިކަލީ ޑެންމާކްއާ ލެވެލްއެއްގައި ވާދަކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ. މެޗު ފެށިގެން އެންމެ ފަހު މިނެޓާ ހަމައަށް ފޯކަސް ކުރަންޖެހޭނެ ކަމަށް މެކްސް އެލްސްނިކް ފާހަގަކުރިއެވެ.

ސްލޮވީނިއާ އާ ޑެންމާކް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.