ޚަބަރު

އިޤްތިޞާދީ ކުރިއެރުންތަކާއެކު ބޭރު ފައިސާގެ ރިޒާވް މިއަހަރު އިތުރުވާނެ


  • މިދިޔަ އަހަރު ބޭރު ފައިސާގެ ރިޒާވް ހުރީ 590.5 މިލިއަން ޑޮލަރުގައި

  • މިއަހަރު ބޭރު ފައިސާގެ ރިޒާވް 605.7 މިލިއަން ޑޮލަރަށް އިތުރުވާނެ

ބޭރު ފައިސާގެ ރިޒާވް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިތުރުވާނެކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ ކޮންމެ 3 މަހަކުން ނެރޭ ކުއާޓްލީ އިކޮނޮމިކް ބުލެޓިންގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ކުއާޓްލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭރު ފައިސާގެ ރިޒާވް ހުރީ 590.5 މިލިއަން ޑޮލަރުގައިކަމަށެވެ. ނަމަވެސް މިއަހަރު ނިމޭއިރު ބޭރު ފައިސާގެ ރިޒާވް 605.7 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރު ފައިސާގެ ރަސްމީ ރިޒާވް ވަނީ 29 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޒާވްގައި ހުރީ 541.8 މިލިއަން ޑޮލަރެވެ.

ބޭރު ފައިސާގެ ރަސްމީ ރިޒާވް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ދިޔަ މައިގަނޑު އެއް ސަބަބަކީ ނިމިދިޔަ ސަރުކާރުގައި ސްޓޭޓް ބެންކު އޮފް އިންޑިޔާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަންޖެހުމުންކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މާލީ އަދި އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ނެރެމުންދާ ރިޕޯޓްތަކުގައިވާ ގޮތުން އިޤްތިޞާދީގޮތުން ލިބެމުންދާ ކުރިއެރުންތަކުގެ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކެވެ. އަދި އެ ސިނާއަތަށް އަންނަމުުންދާ ކުރިއެރުންތަކާއެކު، އެހެން ސިނާއަތްތަކަށްވެސް އޭގެ ފައިދާ ކުރަމުން އަންނަކަމަށް ރިޕޯޓްތަކުގައިވެއެވެ.

އިޤްތިޞާދީ ކުރިއެރުންތަކާއެކު ބޭރު ފައިސާގެ ރަސްމީ ރިޒާވް އިތުރުވާނޭކަމަށް ލަފާކޮށްފައިވާއިރު، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ބޭރު ފައިސާގެ އަދަދުވެސް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއްވެސް ދަނީ ލިބެމުންނެވެ.