ކުޅިވަރު

ޕޮލަންޑަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ދައްކާ ވާހަކަތަކަށް ސަމާލުކަމެއް ނުދެން: ޕްރޮބިއާޒް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި މިއަދު ނެދަލެންޑްސްއާ ދެކޮޅަށް ނިކުތުމުގެ ކުރީން، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލެންޑްގެ ކޯޗު، މައިކަލް ޕްރޮބިއާޒް ވަނީ، އޭނާގެ ޓީމަށް އެއްވެސް ފުރުޞަތެއް ނެތް ކަމަށް މީހުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް ބުނެފައެވެ.

ޕްރޮބިއާޒް ބުނީ، އެންމެ މުހިއްމު ކަމަކީ އޭނާގެ ޓީމަކީ އެކަކު، އަނެކަކަށްޓަކައި ވަރުގަދަ އަށް މަސައްކަތްކުރާ ޓީމަކަށް ވުން ކަމަށެވެ.

ނެދަލެންޑްސްއާ ބެހޭގޮތުން ޕްރޮބިއާޒް ބުނީ، އެ ޓީމަކީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި، މިކަމުން ވެސް އެ ގްރޫޕުގެ ވަރުގަދަކަން އެނގިގެންދާ ކަމަށެވެ. އަދި، އެ ޓީމުގައި އިންޑިވިޖުއަލް މޮޅު ކުޅުންތެރިންތަކެއް ތިބި ކަމަށް ބުނެ، ޕްރޮބިއާޒް ވަނީ
އެކަމަށްޓަކައި އޭނާގެ ޓީމުން މެޗަށް ނިކުންނަން ޖެހޭނީ ރަނގަޅު ޓީމްވޯކާއެކު ކަމަށް ފާހަގަކޮށްފައެވެ.

ޕްރޮބިއާޒް ބުނީ، އޭނާގެ އުއްމީދަކީ އެ ޓީމުގެ ޖާޒީ ލައިގެން ފަޚުރުވެރިކަމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބެލުމަށް ހާޒިރުވުން ކަމަށެވެ. އެ ޓީމުގެ އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ބުނީ، ބައެއް ކުޅުންތެރިން މިހާރު ފިޓްވެފައިވާ ކަމަށެވެ. އެހެންނަމަވެސް، އޭގައި ގޮތެއް ނިންމާނީ މެޑިކަލް ޓީމުގެ ލަފާގެ މަތީން ކަމަށް ވެސް އޭނާ ބުންޏެވެ.

ޕިއޮޓްރެ ޒިއެލިންސްކީ ބުނީ، މިއީ ބޮޑު މުބާރާތެއްގައި ކެޕްޓަންކަން ކުރާ ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ޒިއެލިންސްކީ ބުނީ، ރޮބަޓް ލެވަންޑޯސްކީ ނެތުމަކީ ކުރިމަތިވީ ބޮޑު ގެއްލުމެއް ކަމަށެވެ. ލެވަންޑޯސްކީގެ މުހިއްމުކަން އެންމެނަށް އެނގޭނެ ކަމަށް ވެސް ޒިއެލިންސްކީ ބުންޏެވެ.

ޒިއެލިންސްކީ އިތުރަށް ބުނީ، ނެދަލެންޑްސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ރޭންކިންގައި ވަރަށް މަތީގައި އޮތް ޓީމަކަށްވިޔަސް، ޕޮލެންޑުން އެ މެޗަށް ނިކުންނާނީ މޮޅުވުމުގެ އުއްމީދުގައި ކަމަށެވެ.

ޕޮލެންޑާ ނެދަލެންޑްސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ.