ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ޑީ ގައި ޕޮލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނީ، އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭ އެ ޓީމުގެ އެންމެ މުހިއްމު މިޑްފީލްޑަރު، ފްރެންކީ ޑި ޔޯން ނެތުމުން އެ ވާހަކަ މިހާރު ދެއްކުމުގެ މާބޮޑު ބޭނުމެއްނެތް ކަމަށެވެ.
ކޫމަން ބުނީ، ފްރެންކީ ޑި ޔޮން ނެތުމުން އެތަން ފޫނުބެއްދޭނެ ކަމަށާއި، އެއީ މިދިޔަ ހަފްތާގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި، މިހާރު ދެން އެ ވާހަކަތައް އިތުރަށް ދެއްކުމުގެ މާބޮޑު ބޭނުމެއްނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
މުބާރާތަށް އޭނާ ނެރޭ ޓީމު ރަނގަޅުވާނެ ކަމަށް ކޫމަން ބުންޏެވެ. އެގޮތުން، އޭނާގެ ޓީމުގެ މިޑްފީލްޑްއާ ބެހޭގޮތުން ބުނީ، ތަޖުރިބާ ލިބޭނީ ކުޅެން ފުރުޞަތު ލިބިގެން ކަމަށެވެ. އަދި، އަބަދުވެސް އޭނާގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮންނާނެ ކަމަށާއި، ދަނޑުމަތީގައި ތަފާތު ދެއްކޭނެ ބަޔަކަށް އެ ކުޅުންތެރިން ވާނެ ކަމަށް ވެސް ކޫމަން ބުންޏެވެ.
ކޫމަން ބުނީ، މި ފަހަރުގެ މުބާރާތުގައި ވަރުގަދަ ޓީމުތަކެއް ވާދަކުރާއިރު އޭގެތެރޭގައި އޭނާގެ ޓީމު، ނެދަލެންޑްސް ހިމެނުނު ނަމަވެސް، އެއީ ފޭވަރިޓެއް ނޫން ކަމަށެވެ. އޭނާގެ ފޭވަރިޓަކީ، އެ ގްރޫޕުގައި ހިމެނޭ ފްރާންސް ކަމަށް ކޫމަން ބުންޏެވެ.
ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ވަނީ، ޓީމުގެ ފަހަތުގައި ސަޕޯޓަރުން ތިބުމަށް އެދިފައެވެ. އުނދަގޫ ދުވަސްތަކާއި އުފާވެރި ދުވަސްތަކުގައި ވެސް ސަޕޯޓަރުންގެ އެހީ ބޭނުންވާކަމަށް ވެން ޑައިކް ބުންޏެވެ. ވެން ޑައިކް އިތުރަށް ބުނީ، ސަޕޯޓަރުންނާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަށް އޮންނަން ވާނެ ކަމަށާއި, މިއީ ހަމައެކަނި 11 ކުޅުންތެރިން ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
ނެދަލެންޑްސްއާ ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.