ޚަބަރު

އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި މިފަހަރު އޮތީ ފޯރިގަދަ ޢީދެއް


  • މިއީ ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ 3 ރަށް

  • މުޅި ރާއްޖޭގައިވެސް ގިނަ ޙަރަކާތްތަކާއެކު ދަނީ ޢީދު ފާހަގަކުރަމުން

ޒަމާނުއްސުރެ ރާއްޖޭގައި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރެއެވެ. މިއަހަރަކީވެސް ކުލަގަދަ އެތައް ހަރަކާތަކާއެކު ޢީދުގެ ފޯރި ގަދަ އަހަރެކެވެ.

ސަރުކާރުން ރަސްމީކޮށް މިއަހަރު ޢީދު ފާހަގަކުރައްވަނީ ރ.އުނގޫފާރު، ދ.ކުޑަހުވަދޫގެ އިތުރުން ގއ.ވިލިނގިލީގައެވެ. މިރަށްރަށުގައިވެސް ފޯރިއާއެކުދަނީ ޢީދުގެ ކުޅިވަރުތައް ބާއްވަމުންނެވެ.


ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ކުލަގަދަކޮށް މުސްލިމުން ފާހަގަކުރާ މުސްލިމުންގެ ބޮޑު ޢީދަކީ އަޟްޙާ ޢީދެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ސަރުކާރާއި ރަށްރަށުގެ ކައުންސިލްތަކާއި އަމިއްލަ ޖަމުޢިއްޔާތަކުން އިސްނަގައިގެން ގިނަ ޙަރަކާތްތަކެއް ގިނަ ރަށްރަށުގައި އިންތިޒާމުކޮށްދަނީ ބާއްވަމުންނެވެ.

ސަރުކާރުން މިފަޖަރު ރަސްމީކޮށް ޢީދު ފާހަގަކުރާ 3 ރަށަކީ ރ.އުނގޫފާރު، ދ.ކުޑަހުވަދޫގެ އިތުރުން ގއ.ވިލިނގިލީގައެވެ. މިތިން ރަށުގައިވެސް ގިނަ ޙަރަކާތްތަކެއް ޢީދު ވިލޭރެއިންފެށިގެން ކުރިއަށްއެބަދެއެވެ.

ރ.އުނގޫފާރުގައި ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އެކި ޢުމުރުފުރާއަށް ޚާއްސަ ކުޅިވަރުތައްވަނީ ރާވާފައެވެ. މިގޮތުން ދިވެހީންގެ ތާރީޚާއި ގުޅޭ އެކި ޙަރަކާތްތަކުން ޢީދުވެދުމާއި ދިޔުމާއި ސަޤާފީ ކޭން އަދި ކޯޑިކެނޑުމާއި ބިލެއް އެޅުންފަދަ ފަދަ ޙަރަކާތްތައް ރާވާފައިވެއެވެ. މީގެއިތުރުން ހަވާ އެރުވުމާއި އިސްރަށްވެހިންނަށް ޒިޔާރަތްކުރުމާއި، ސްޓޭޖް ޝޯވތަކާއި ޢީދުގެ ސައި ފަދަ ކަންކަން ކައުންސިލުންވަނީ އިންތިޒާމުކޮށްފައެވެ.

ގއ.ވިލިނގިލީގައިވެސް ޢީދާއި ގުޅިގެން ފޯރީގައި ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.

ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހާއި ހަމައަށް އެކި ޙަރަކާތްތައްވަނީ ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. މިގޮތުން ޢީދު ބަޑި ރޯކުރުމާއި، މާލި ޙަރަކާތްތަކާއި ޢީދުގެ ސަޔާއި އުޟުޙިޔާ ކަތިލުމާއި ޢީދު ތަށިބަރި ބެހުމުގެ އިތުރުން ޢީދު ޕެރޭޑުވެސްވަނީ ރާވާފައެވެ. މީގެއިތުރުން ރަށުގެ އަވަށްތަކުގެ މެދުގައި ބާއްވާ އެކި ކުޅިވަރު މުބާރާތްތަކާއި މަސް ރޭސްވެސްވަނީ ބޭއްވުމަށް ހަމަޖެހިފައެވެ. ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާ ރައްޔިތުންގެ ފެންކުޅިއާއި ޢާއިލީ ހަވީރުގެ އިތުރުން ޢީދުގެ ޙަރަކާތްތައް އެރަށުގައި ނިންމާލުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ފަރީއްކޮޅުންނެވެ.

ޢީދާއި ގުޅިގެން ކުޑަހުވަދޫގައިވެސް ޢީދު އެހާމެ ފޯރިގަދައެވެ.

މިގޮތުން ޢީދުގެ ޙަރަކާތްތައް ޢީދުގެ ބޮޑު ޖަމާޢަތުގައި ކުރިއެވެ. އަދި ރައްޔިތުންނަށް ބައިވެރިވެވޭނެ އެކި ޙަރަކާތްތައްވަނީ ރާވާފައެވެ. މިގޮތުން ޢީދު ސަޔާއި އުޟުޙިޔާ ކަތިލުމާއި "ކުޑަހުވަދޫ ފަލަސްޠީނާއެކު" ނަމުގައި ބާއްވާ ޚާއްސަ ހިނގާލުން ފާހަގަކޮށްލެވެއެވެ. ކުޑަހުވަދޫގައިވެސް ޢީދާއި ގުޅިގެން ހަވާއަރުވައެވެ. ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ލަނގިރިޖެހުމާއި ތާރަޖެހުމާއި ބޮޑުބެރާއި، ބޮޑުމަސް ނެރުން ފަދަ ޙަރަކާތްތައް ހިމެނެއެވެ.



ޢީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 3 ރަށުގައި ގިނަ ޙަރަކާތްތަކެއް އިންތިޒާމުކޮށްގެން އެކި ގަޑިތަކުގައި ކުރިއަށްދާއިރު ސަރުކާރުގެ ވަޒީރުންނާއި އިސްބޭފުޅުން ގެންދަވަނީ މިރަށްރަށަށް ވަޑައިގެން ކުޅިވަރުތައް ބައްލަވާލައްވަމުންނެވެ.