ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ސްޕެއިން އަތުން 3-0 އިން ބަލިވި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް ބުނީ، އޭނާގެ ޓީމުގެ ފެށުން ރަނގަޅު ނޫން ކަމަށާއި، މެޗު ކާމިޔާބުކުރި ސްޕެއިނަށް މަރުހަބާ ކިޔާ ކަމަށެވެ.
ޑަލިޗް ބުނީ، މެޗު ފެށިގެން ފުރަތަމަ 10-15 މިނެޓުގެ ތެރޭގައި ސްޕެއިނުގެ އެޓޭކްތައް ހުއްޓުވި ކަމަށާއި، އޭގެފަހުން ކްރޮއޭޝިއާ އިން މެޗުގެ ކޮންޓްރޯލް ހޯދި ކަމަށެވެ. އަދި އެއަށްފަހު، ލަނޑުޖަހާނެ ފުރުޞަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރިނަމަވެސް އޭނާގެ ޓީމަށް ހެދުނު ގޯހެއްގެ ސަބަބުން ލަނޑެއްވަތް ހިސާބުން ދެން މެޗުގެ ތެރެއަށް އަނބުރައި ވަންނަން ހުރަސްތައް ކުރިމަތިވީ ކަމަށެވެ.
އޭނާގެ ޓީމަށް ހެދުނު ގޯސްތައް ރަނގަޅަށް އެނަލައިޒް ކުރާނެ ކަމަށާއި، މެޗު ގެއްލުނީ ސްޕެއިނަށް މާގިނަ ވަގުތުދެވި ހުސްޖާގަ ދެވުމުގެ ސަބަބުން ކަމަށް ޑަލިޗް ފާހަގަކުރިއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކޯނަރަކުން ލަނޑެއްވަނުމަކީ މެޗުގެ ނަތީޖާ ގޯސްވާން މެދުވެރިވީ އެއް ސަބަބުކަމަށް ވެސް ޑަލިޗް ބުންޏެވެ. މިހާރު ހުރިހާ ފޯކަސްއެއް އޮތީ ބާކީ އޮތް ދެ މެޗު ކާމިޔާބުކުރުމަށް ކަމަށް ޑަލިޗް ބުންޏެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މެދުތެރޭގައި މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ކެޕްޓަން ލޫކަ މޮޑްރިޗް އާއި މަޓެއޯ ކޮވެސިޗް ބަދަލުކުރުމާ ގުޅިގެން އެކަމާ ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން، ކޯޗު ޑަލިޗް ބުނީ، އޭނާގެ ޓީމަށް ކުރިއަށް މުހިއްމު ދެ މެޗު އެބައޮތް ކަމަށާއި، އެހެން އެކަން ކުރީ މެޗުގެ ނަތީޖާ އޮތް ގޮތުން އެވަގުތު ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ކަމަށެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން، ކްރޮއޭޝިއާގެ ކެޕްޓަން، މޮޑްރިޗް ބުނީ، މިއީ އޭނާގެ ޓީމުން ބޭނުންވި ނަތީޖާ ނޫން ކަމަށެވެ. އެކަމަކު، އެ ނަތީޖާ ގަބޫލުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. މޮޑްރިޗްގެ ވާހަކައިގައި ވަނީ، ދެން އިތުރު ގޯސްތައް ހަދައިގެން ނުވާނެ ކަމަށާއި، ކުރިއަށް އޮތް މެޗުތައް ކާމިޔާބުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
މި ފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ އަށް ދެން އޮތީ މި މަހުގެ 19 ވާ ބުދަ ދުވަހު އަލްބޭނިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ އެ ދުވަހު ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.