ޚަބަރު

ދީނާ ބީރައްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި


  • މިއީ ހެޔޮ ކަންކަމުން ފުރިގެންވާ އިސްލާމީ މުނާސަބާއެއްކަން ފާހަގަކުރެއްވި

  • ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށްވެސް ގޮވާލެއްވި

އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެމަނިކުފާނުގެ ޚިޠާބުގައި މި އުފާވެރި ބޮޑު ޢީދުގެ ތަހްނިޔާއާއި ހެޔޮދުޢާތައް ދިވެހި ލޮބުވެތި ރައްޔިތުންނަށާ، މުޅި އިސްލާމީ އުންމަތަށް ވަނީ އަރިސްކުރައްވާފައެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުސްލިމުން ފާހަގަކުރާ ޢީދުގެ މި މުނާސަބާ ރަމްޒުކޮށްދެނީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއްކަމަށެވެ. އަދި މި ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސްކުރާކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަޞްޠީނުގެ އުޚުއްވަތްތެރި މުސްލިމުންނަށްޓަކައި މި ޢީދުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މުސްލިމުންވެސް ކޮށްދެމުންދާ ހެޔޮ ދުޢާތަކާ، ވީވަރަކުން ފޯރުކޮށްދެމުންދާ ދީލަތި އެހީތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރުގެ އަޟްޙާ ޢީދުގައި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުމަށްކަމަށެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަން." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ޙައްޖުގެ މަތިވެރި އަޅުކަމާ، ޢަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށްފަހުގައިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މާތް ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާން ކުރެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައިންގެ ޒަމާނުއްސުރެ އަޅުގަނޑުމެން ދަމަހައްޓަމުން އައި ކަމޭހިތުމާ، އިޙްތިރާމާއެކު މުޢާމަލާތުކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުމަށްވެސް މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ، ޢީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ދަރިންނަށް ބުނެދޭންޖެހޭކަމަށެވެ. އަދި މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާ ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިއުމަށާއި، މި ލޮބުވެތި ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ނަޞްރާ ނަސީބާ، ސިލްމާ ސަލާމަތުގައި، ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވާފައެވެ.