ކުޅިވަރު

ކްރޮއޭޝިއާ އަކީ އެހެން ޓީމުތަކަށް މިސާލެއް: ޑަލިޗް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ ވަރުގަދަ މެޗުގެ ކުރީން، ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑަލިޗް ވަނީ، އޭނާގެ ޓީމަކީ އެހެން ޓީމުތަކަށް މިސާލެއް ކަމަށް ބުނެ ތައުރީފުކޮށްފައެވެ.

ޑަލިޗް ބުނީ، އޭނާގެ ޓީމުން ދައްކުވައިދެނީ ކިތަންމެ ކުޑަ ގައުމަކަށް ވެސް ފުޓްބޯޅައިގައި ބޮޑެތި ކަންތައްތައް ހާސިލްކުރެވިދާނެކަމާއި އެގޮތުން އޭނާގެ ޓީމަކީ އެހެން ޓީމުތަކަށް އެފަދަ މިސާލެއް ކަމަށެވެ.

ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ޑަލިޗް ބުނީ، ކްރޮއޭޝިއާ އިން ނިކުންނަނީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރަކާ ދެކޮޅަށް ކަމަށެވެ.

ޑަލިޗް ބުނީ، ކްރޮއޭޝިއާ އަށް ސްޕެއިނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ އެބައޮތް ކަމަށެވެ. މި ފަހަރު ކަން ކުރަންޖެހޭ ގޮތް އެނގޭ ކަމަށާއި، އެކަން އެގޮތަށް ކުރުމަށްފަހު މުބާރާތް ރަނގަޅަށް ފަށަން ބޭނުންވާ ކަމަށް ވެސް ޑަލިޗް ބުންޏެވެ.

ޑަލިޗް ވަނީ، ކްރޮއޭޝިއާގެ ޓީމަށް އައު ޖީލުތަކާއި ހުނަރުވެރި ކުޅުންތެރިން މެދުކެނޑުމެއްނެތި އައުން ފާހަގަކޮށްފައެވެ. އެގޮތުން، ޑަލިޗް ބުނީ، އެންމެ މުހިއްމު ކަމަކީ މި ކުޅުންތެރިންނަށް މިހާރު ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްވެގެންދިއުން ކަމަށެވެ.

އެގޮތުން، ޑަލިޗް ވަނީ، (ލޫކަ) މޮޑްރިޗް، (މަޓެއޯ) ކޮވެސިޗް، (މާސެލޯ) ބްރޮޒޮވިޗް، (އިވާން) ޕެރިސިޗް، ފަދަ ރޯލް މޮޑެލްތައް މިހާރުވެސް ކުޅެމުންދާއިރު އެކަމުގެ ސަބަބުން މިހާރު ކުޅުންތެރިންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ބުނެފައެވެ.

ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ބުނީ، ބޮޑެތި ޓީމުތަކާ ދެކޮޅަށް އަބަދުވެސް ކުޅެން ބޭނުންވާކަމަށެވެ. ހާއްސަކޮށް ސްޕެއިނާ ދެކޮޅަށް ނިކުތުމަށް ކެތްމަދުވެފައިވާ ކަމަށް މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް އިތުރަށް ބުނީ، އެމީހުން މުބާރާތަށް އައީ ރަނގަޅު ނަތީޖާ ހޯދުމަށް ކަމަށާއި، ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތުގައި ތިބިކަން މިދިޔަ އަހަރުތަކުގައި ކްރޮއޭޝިއާ އިން ދައްކުވައިދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކްރޮއޭޝިއާ އާއި ސްޕެއިނާއެކު މި ގްރޫޕުގައި ދެން ހިމެނެނީ އިޓަލީ އަދި އަލްބޭނިއާ އެވެ.