ތުރުކީގެ ފުޓްބޯޅަ އޮނިގަނޑު އެކުލަވާލާފައިވަނީ އަށް ކެޓަގަރީއަކަށެވެ. އެންމެ މަތީ ލީގަކީ ތުރުކީ ޕްރެމިއާ ލީގެވެ. މި ފަހަރުގެ ޔޫރޯގައި ކުޅޭ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ވެސް ތުރުކީ ލީގަށެވެ. ނަމަވެސް މިއީ ޔޫރަޕުގެ ލީގުތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު، އެންމެ ގިނައިން މެޗުތައް ހުއްޓާލަން ޖެހޭ ލީގެވެ. ރެފްރީއާ މެދު ހިތްހަމަނުޖެހިން ސަޕޯޓަރުން ދަނޑަށް އެރުމާއި ކުލަބުތަކުގެ މެނޭޖްމަންޓްގެ އިސްވެރިން ދަނޑަށް އަރައި ހެދުމަކީ ތުރުކީގައި ވަރަށް އާއްމު ކަމެކެވެ. އެ ގައުމުގެ އެންމެ މަޝްހޫރު ކުލަބަކީ ފެނަބާޗޭ އެވެ.
ތުރުކީ އަކީ މި ފަހަރުގެ ޔޫރޯ ބޭއްވުމަށް ޖަރުމަނާ ވާދަކުރި އެއް ގައުމެވެ. ވަކި ހިސާބަކުން އެމީހުން މޫނު އަނބުރާލައި ބިޑް އަނބުރާ ގެންދިޔައީ އެވެ. މީގެ ބަދަލެއްގެ ގޮތުން ޖަރުމަނުގެ އެހީތެރިކަމާ ވެސް އެކު ތުރުކީ އަކީ 2032 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާނެ ގައުމެވެ. މި ފަހަރުގެ މުބާރާތަށް ތުރުކީ ކޮލިފައިވީ ކްރޮއޭޝިޔާ ފަހަތަށް އެއްލާލައި ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު ފަސް މެޗުން އެމީހުން ބަލިވީ އެންމެ މެޗަކުންނެވެ.
ޓީމުގެ ގޯލްކީޕަރު މާޓް ގޫނޮކް އަކީ ދުވަސްވީ ގޯލްކީޕަރެވެ. އޭނާގެ އުމުރުން 35 އަހަރުވީއިރު ގައުމީ ޓީމަށް މިހާތަނަށް ކުޅެދީފައިވަނީ އެންމެ 29 މެޗެވެ. އޭނާއާ އެންމެ ވާދަކުރާނީ ތުރުކީގެ ޓްރަބްޒޮންސްޕާގެ ޝާކިރެވެ. 28 އަހަރުގެ މި ކީޕަރު ގައުމީ ޓީމަށް ކުޅެފައިވަނީ 27 މެޗެވެ.
ފަހަތުގައި އެންމެ އިސްކޮށް ތިބީ ރޯމާގެ ޒެކީ އާއި އަލް އަހްލީގެ މެރިހް ޑިމިރަލް އާއި ޕެނަތިނައިކޯސްގެ ސަމެޓް އަކަޔެއްދީން އާއި އަޔެކްސްގެ ކެޕްލަން އެވެ.
ތުރުކީގެ ގިނަ ކުޅުންތެރިން ކުޅެނީ ތުރުކީ ލީގުގަ އެވެ. ނަމަވެސް ރޯމާގެ ޒެކީ ސައޫދީ އަރަބިއާގެ އަލް އަހްލީގެ މެރިހް ޑެމިރަލް އާއި އިޓަލީގެ އިންޓަމިލާނަށް ނިމިދިޔަ ސީޒަނުގެ ތަށި ހޯދައިދިން ކެޕްޓަން ކަޅަނޮގްލޫ އާއި ލެސްޓާ ސިޓީގެ ޔޫނުސް އަކްނުން އަކީ މުހިންމު ކުޅުންތެރިންނެވެ.
މި ޓީމުގެ ކޯޗަކީ އިޓަލީގެ މޮންސެންޒޯ މޮންޓެއްލާ އެވެ. އޭނާ ޓީމާ ހަވާލުވެ ތުރުކީގެ ސްޓައިލް ބަދަލު ކުރުމަށް މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރުގެ ޓީމު ބޮޑަށް އިސްކަންދެނީ އެޓޭކިން ސްޓައިލަށެވެ. އޭނާ އާއްމުކޮށް ކުޅުވަނީ 4-2-3-1 ފޯމޭޝަނަށެވެ.
ޓީމުގެ މެދުރެރެއިން ކެޕްޓަނަށް އެހީވެ، ނަގާކިޔާނީ ވެސްޓްބްރޮމްގެ އޮކާއީ ޔޮކުސްލޫ އާއި ބެންފީކާގެ އޮރްކުން އާއި ރެއާލް މެޑްރިޑްގެ އަދްރާ ގިލާ އާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ ސާލިހް ފަދަ ކުޅުންތެރިންނެވެ. މި ކުޅުންތެރިންނަށް މިހާރު މަދުވަނީ ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި ނޮކްއައުޓް ފިޔަވަހީގެ ތަޖުރިބާ ކަމަށް ކޯޗު ވަނީ މުބާރާތުގެ ކުރިން ބުނެފަ އެވެ.
ފޯވަޑް ލައިނުގައި އިސްކޮށްތިބީ ޔުވެންޓަސްގެ ކެނަކް ޔިލްޑިޒް އާއި ރޭނޭސްގެ ޔިލްދްރިމް އާއި ތުރުކީ ލީގުގައި ކުޅޭ ތިން ކުޅުންތެރިއެކެވެ.