ޚަބަރު

ލޯނުތަކުގެ ސަބަބުން ދައުލަތަށް ގެއްލުން ނުވާނެ - ކެބިނެޓް


ސަރުކާރުން ކުރިއަށް ގެންދަވާ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތަކުން ނަންގަވާ ލޯނުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ދައުލަތަށް ގެއްލުން ނުވާނެކަމުގެ ޔަޤީންކަން ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ދެއްވައިފިއެވެ. އީ.ވައި.ސީން މިޔަޤީންކަން ދެއްވީ ވޯލްޑް ބޭންކުން ރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ނެރުނު ރިޕޯޓެއްގެ ޙަޤީޤަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރަމުންދާތީ އެކަމުގެ ޞައްޙަ މައުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރުން ވަނީ އިޤްތިޞާދީ ތަފާތު މަޝްރޫޢުތައް ހިންގެވުމަށް ބޭރުޤައުމުތަކުން ނަގާލޯނުތަކުގެ ސަބަބުން ދިވެހި ދައުލަތައް ގެއްލުމެއް ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ކޯޗެއަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުން އިޤްތިޞާދީ ތަފާތު މަސްރޫޢުތަކަށް ނަންގަވާ ލޯނުތަކަނީ އެލޯނުތައް އަނބުރާ ދެއްކޭނެ ކަމުގެ ޔަޤީންކަމާއެކު ނަންގަވާ ލޯނުތައް ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުން ނެރުއްވި ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގު މައުލޫމާތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއާ ޚިލާފަށް ސަރުކާރުން އިޤްތިޞާދީ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުންދާކަމަށާއި، އެ ޕްރޮޖެކްޓްތައް ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ އަސަރުކުރާނެކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައ ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އިޤްތިޞާދީ ބޮޑު އިންޤިލާބަކަށް ސަރުކާރުން މިސްރާބް ޖަހާފައިވާއިރު، ސަރުކާރުން ކުރިއަށްގެންދަވާ އިޤްތިޞާދީ މަޝްރޫޢުތައް ކާމިޔާބުވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. ވޯލްޑް ބޭންކްގެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް ނަންގަވާލޯން އަބުރާ ދެއްކެވުމާމެދު ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެ ލޯނުތައް ދައްކަވާނެކަމުގެ ޔަޤީންކަން އަރުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޢުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ކުރިއަށްދާއިރުވެސް ރާއްޖޭގެ އިންފެލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަކުރައްވައި، ކޮންސްޓްކަރކްޝަން ދާއިރާގައި 40 އިންސައްތަ ކުރިއެރުން ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިޙާދު ވިދާޅުވީ ސަރުކާރުން ބޭރުގެ އެކި ފަރާތްތަކުން ނަންގަވާ ލޯނުތަކަކީ ވަރަށްކުޑަ އިންޓްރެސްޓަކާއެކު ބޮޑު ގްރޭސް ޕީރިއެޑަކާއެކު ނަންގަވާ ވަރަށް ކޮންސެޝަނަލް ލޯނުތަކެއް ކަމަށެވެ. ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓްވާ ވާހަކައަކީ އާކަމެއް ނޫންކަމަށާއި، އެކަން ފޫބައްދަވަނީ ޓުއަރިޒަމް ތަރައްޤީކޮށް ޓޫރިސްޓުން ރާއްޖެއަށް ގެންނަ ބޭރުފައިސާ ބޭނުން ކުރައްވައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތަކާކީ އެ މަޝްރޫޢުތަކުން ކައިރި މުސްތަޤްބަލެއްގައި ފައިދާވާނެ މަޝްރޫޢުތަކެއް ކަމަށެވެ. އެގޮތުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ އެއް މަޝްރޫޢު އަނެއް މަޝްރޫޢާ ގުޅި ލާމެހިފައިވާ ގޮތަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޓޫރިޒަމަށް އަންނަ ބޮޑު ތަރައްޤީއާއެކު އެއަރޕޯޓްވެސް ތަރައްޤީ ކުރަންޖެހޭކަން ޤަބޫލުކުރައްވަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވީ އެހެން ސަރުކާތުތަކާ ޚިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތަކަކީ ދިގުމުއްދަތަށް ބައްލަވައި، މުސްތަޤްބަލުގައި އެމަޝްރޫއުތަކުން ދާއިމީގޮތެއްގައ ފައިސާ ލިބޭ ގޮތަށް ބައްޓަން ކުރައްވާފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ނަގާފައިވާ ލޯނެއް ނުދެއްކިގެން އުޅެން ނުޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ނެރުއްވި ރިޕޯޓްގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން ބޭރުގެ އެކި ފަރާތްތަކުން ނަގަމުންދާ ލޯނުތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން އެލޯނުތައް ނުދެއްކިއްޖެނަމަ ރާއްޖެއަށް ގެއްލުންވާނެކަމަށް އެރިޕޯޓްގައި ފާހަފަކޮށްފައިވެއެވެ. އެހެންނަމަވެސް އެފަދަ ކަމެއް ކުރިމަތިނުވާނެ ކަމަށާއި، ސަރުކާރުން އެކަން ކުރައްވަމުންދަނީ ވަރަށް ވިސްނުންތެރިކަމާއެކު ރައްޔިތުންނަށް ގެއްލުން ނުވާނެގޮތައްކަމުގެ ޔަޤީންކަން މާލީ ވަޒީރު ދެއްވައެވެ.

ރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުއްވި ރިޕޯޓް ހަޤީޤަތް އޮޅޭގޮތަށް ދިވެހިބަހުން ތަރުޖަމާކުރައްވާ އެކި މީޑިއާތަކުން ޞައްޙަނޫން މަޢުލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވެ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.