އެންމެ ފަހުގެ ވޯލްޑްކަޕަށް ފަހު ކޯޗުކަމުން ފެނާންޑޯ ސަންޓޯސް ވަކިކޮށް، ޕޯޗުގަލްގެ ކޯޗުކަމަށް ގެނައީ ބެލްޖިއަމްގެ ގައުމީ ކޯޗުކަމުން ވަކިކުރި ރޮބާޓޯ މާޓިނޭޒެވެ. މި ނިންމުމަށް ޕޯޗުގަލްގެ ވަރަށް ގިނަ މީޑިއާތަކުން ފާޑުކިއުން އަމާޒުކުރި އެވެ. ސަބަބަކީ ޕޯޗުގަލް އަށް އުފަން އަދި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ހޯސޭ މޮރީނިއޯ ގައުމީ ޓީމަށް އަންނަ ބޭނުންވެފައި ހުރި ވަގުތެއްގައި އޭނާ ނުގެނައުމުންނެވެ. އަނެއްކޮޅުން މާޓިނޭޒް ހަ އަހަރު ވަންދެން ބެލްޖިއަމުގައި ގާއިމްވެހުރެ ނެރެވުނު ނަތީޖާއެއްވެސް ނެތީ އެވެ.
މިކަމާހުރެ ފާޑުކިއުން އަމާޒުވި ނަމަވެސް މާޓިނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެންމެ ގިނަ ގޯލު ޖެހީ ވެސް އެ ގައުމުންނެވެ. ޖުމުލަ 36 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. ކުޅުނު 10 މެޗުން ވެސް މޮޅުވި އެވެ. މި ހިސާބުން ނޫސްވެރިން ބުނަން ފެށީ މިވަރުގެ މޮޅު ނަތީޖާއެއް ނެރެވުނީ ކޮލިފައިންގައި ޕޯޗުގަލްއާ ވަރުން އެޅިގެންވާވަރުގެ ޓީމެއް ނެތުމުން ކަމަށެވެ. މިވާހަކަ އަކީ ހަގީގަތަކަށްވުން ގާތެވެ. ޕޯޗުގަލްގެ އަސްލު ފެންވަރު އެނގޭނީ ޔޫރޯ ފަދަ ބޮޑު މުބާރާތަކުންނެވެ.
އިހުގައި ރާއްޖެ ވެސް އަޅުވެތިކޮށްގެން އުޅުނު ޕޯޗުގަލްގެ، ފުޓްބޯޅައިގެ އެމީހުންގެ އެންމެ ބޮޑު ވާދަވެރިއަކީ ބްރެޒިލް އެވެ. މި ފަހަރުގެ ޔޫރޯ ޓީމުގައި މުޅިން ވެސް ތިބީ ތަރިންނެވެ. ޔޫރަޕުގައި ނުކުޅުނަސް އަދިވެސް އެންމެ މަޝްހޫރު ކުޅުންތެރިއަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ކޮލިފައިންގައި ވެސް އޭނާ 10 ގޯލު ޖެހި އެވެ. ގޯލްކީޕަރު ރުއި ޕްޓެރީސިއޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒާއި އެ ޓީމުގެ ޑިއެގޯ ޑަލޮޓް އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ރުބެން ޑިއާސް އަދި ބާސެލޯނާގެ ޔާއޯ ފެލިކްސް އަކީ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.
2016ގެ ޔޫރޯ ކާމިޔާބު ކުރި ފަހުން ޕޯޗުގަލް އަށް ބައިނަލް އަގްވާމީ ވާދަވެރި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފައިނުވެ އެވެ. މިހެންވެ މި ފަހަރުގެ އަމާޒަކީ އެކަން ނިމުމަކަށް ގެނައުމެވެ. އެކަމަކު ކޯޗު މާޓިނޭޒް ގަބޫލުކުރާ ގޮތުގައި މިކަން ކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެންނެވެ.
ޕޯޗުގަލް ގޮވައިގެން އޭނާ ކުޅުވަން ފެށި ކުޅުންތެރިންނަށް ވަރަށް ފްރީ ރޯލުތަކެއް ދީގެންނެވެ. ފަހަތުގައި ރުބެން ޑިއާސް އިސްކޮށް ބަލަހައްޓައިގެން ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭގެ ބޭނުން ހިފައިގެންނެވެ. ޓީމުގެ މެދުތެރޭގައި އޮތީ ބޯޅަ ގެއްލުމުން ނުހަނު ރަނގަޅަށް ޑިފެންޑަރުންނާ ބައިވެރިވާންޖެހޭނެ ފަދަ ވަރުގަދަ އަހުދުނާމާއެކެވެ. މެދުތެރެއިން ޓީމު ލައްވައި ކުޅުވުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ބުރޫނޯ ފެނާންޑޭޒްއާ އެވެ. މާޓިނޭޒް ބުނީ ނިމިދިޔަ ސީޒަނުގެ ކުލަބު ފޯމު އެންމެ ރަނގަޅު ނޫސް ފެނާންޑޭޒް ގައުމީ ޖާޒީގައި މޮޅަށް ކުޅޭނެ ކަމާމެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ.
ޕޯޗުގަލްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ފޯވަޑް ލައިނެވެ. ޑިއެގޯ ޖޮޓާ އަކީ އަބަދުވެސް ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ބެނާޑޯ ސިލްވާ އަކީ ގިނަ މަގާމުތަކަކަށް ކުޅެވޭ ކޮއްޓުން ރީތި، އަވަސް ކުޅުންތެރިއެކެވެ. ޕެޑްރޯ ނެޓޯ އާއޮ ޔާއޯ ފެލިކްސްގެ ބޭނުން ކޮންމެ ވަގުތެއްގައި ހިފޭހާ އެމީހުން މޮޅެވެ. ރަފޭލް ލިއާއޯ އަކީ ޓީމުގެ އެންމެ ވިދުންގަދަ އެއް ތަރި އެވެ. ގޮންކާލޯ ރާމޯސް އެންމެ ފަހުގެ ވޯލްޑްކަޕުގައި ހެޓްރިކް ހެދި ފަހުން އަދި އެފެންވަރުގައި ނުފެނުނަސް އޭނާގެ ބޭނުން ކޯޗު ހިފާނެ އެވެ. އެޓޭކިން ލައިނުގެ އޮފްޝަންތައް ގިނަވުމުން ފަސޭހަވާނީ ވެސް ކެޕްޓަން ރޮނާލްޑޯ އަށެވެ. އެކަމަކު މާޓިނޭޒް ބޭނުންވަނީ އެކަނި ކުޅެ ގޯލުޖަހާ ކުޅުންތެރިއަކަށްވުމުގެ ބަދަލުގައި ރޮނާލްޑޯ ވެސް ޕާޓްނަރަކާއެކު ޓީމުވަންތަކަން ދެއްކުމަށެވެ.