19 މިލިއަން މީހުން ދިރިއުޅޭ ރޫމޭނިޔާ އަކީ 1990ގެ ފަހުކޮޅުން ފެށިގެން މޮޅު ފުޓްބޯޅަ ޓީމެއް އޮތް ގައުމެކެވެ. ފީފާގެ މެމްބަރަކަށް ރޫމޭނިޔާ ވެގެންދިޔައީ 1923ގަ އެވެ. މިހެންވެ މި އަހަރުގެ ޔޫރޯ އަށް އެމީހުން ނުކުންނަނީ ބައިނަލް އަގްވާމީ ފުޓްބޯޅަ އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. މިއީ އެންމެ ފުރަތަމަ ވޯލްޑްކަޕުގައި ޔޫރަޕުން ބައިވެރިވި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމުވެސްމެ އެވެ.
ރޫމޭނިޔާއަށް ފުޓްބޯޅައިގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1994 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ދިއުމެވެ. ޔޫރޯގެ ކުއާޓާ ފައިނަލަށް ދެވުނީ 2000 ވަނަ އަހަރު އެކަންޏެވެ.
ރޫމޭނިޔާ މީހުންނާއި ދުނިޔެ ވެސް ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ ފުޓްބޯޅައިގެ ރަން ދުވަސްވަރަކީ 1990 އިން ފެށިގެން 2000 ވަނަ އަހަރާ ދެމެދެވެ. މި މުއްދަތުގައި ރޫމޭނިޔާއިން އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ މަޝްހޫރު ޖިއޯޖީ ހާޖީ އެވެ. މި ފަހަރުގެ ރޫމޭނިޔާ ޓީމުގައި އޭނާގެ އެކަޑަމީން ތަމްރީނުވި ގިނަ ކުޅުންތެރިންތަކެއް ކުޅޭނެ އެވެ.
މި ފަހަރުގެ ޔޫރޯ އަށް ރޫމޭނިޔާ ކޮލިފައިވީ ގްރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ 10 މެޗު ކުޅެގެން ބަލިނުވެ ހަ މެޗުން މޮޅުވެގެންނެވެ. 16 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. ރޫމޭނިޔާގެ ގިނަ ކުޅުންތެރިން ކުޅެނީ އެ ގައުމުގެ ލީގާއި އިޓަލީގަ އެވެ.
އިހުގެ ޓީމު މޮޅަށް މިހާރުގެ ޓީމަކީ ލީޑްކޮށްފައި ގޮސް މުބާރާތެއްގެ ފަހު ފިޔަވައްސަށް ދެވޭނެ ޓީމެއް ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. މިއަށްވުރެ މި ޓީމު ޒުވާންވެފައި ތަޖުރިބާ ވެސް މަދެވެ.
ރޫމޭނިޔާއޭ ބުނުމުން އަދިވެސް އެންމެ ގިނަ ބައެއްގެ ހިތަށް ވެރިވާނީ ހާޖީގެ ނަމެވެ. މި ފަހަރުގެ ޔޫރޯގައި މިކަން ވަކިން ބޮޑަށް މީޑިއާތަކުން ފާހަގަކުރާނެ އެވެ. ސަބަބަކީ ހާޒީގެ ދަރިފުޅު ލާނިސް ހާޖީ ކުޅޭތީ އެވެ. ލާނިސް އަކީ ސްޕޭނުގެ އަލަވެޒް އަށް ކުޅޭ އޭނާގެ ބައްޕަ ފަދަ އެޓޭކިން ކުޅުންތެރިއެކެވެ.
ޓީމުގެ އެންމެ އިސްކުޅުންތެރިއަކީ ކެޕްޓަން ނިކޮލައި ސްޓެނިއު އެވެ. ސައޫދީ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 70 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. މި ޓީމުގައި ހިމެނޭ މިޑްފީލްޑަރު ރަޒްވާން މަރިން އަކީ އިޓަލީގެ އެމްޕޯލީގެ ކުޅުންތެރިއެކެވެ. ޑެނިސް މަން އާއި ވެލެންޓީން މިހާ އާއި މާރިއަސް މަރިން އަކީ ވެސް އިޓަލީގެ ޕާމާ އާއި ޕިސާގެ ކުޅުންތެރިންނެވެ.
ފޯވަޑްލައިނުގައި އިސްވެ ހަރަކާތްތެރިވާ ޖޯޖް ޕުސްކާސް އަކީ އިޓަލީގެ ބާރީގެ ކުޅުންތެރިއެކެވެ. ތަޖުރިބާކާރު ގޯލްކީޕަރު ފްލޮރިން ކުޅެނީ ތުރުކީގަ އެވެ. ޒުވާން ދެ ކީޕަރުން ކަމަށްވާ މޯލްޑޯވަން ކުޅެނީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށެވެ. ސްޓެފަން ރޫމޭނިޔާ ލީގުގަ އެވެ.
މިހެންވެ ކޯޗު އެޑްވަޑް އިއޮޑަނެސްކޫ ބުނީ އޭނާގެ ޓީމު ރޭވުންތެރިކަމާއެކު ކުޅެފިނަމަ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިދާނެ ކަމަށެވެ. ހާޖީ އާއި ރޫމޭނިޔާގެ ގިނަ ރައްޔިތުންގެ ބޭނުމަކީ ގްރޫޕް ކަޑައްތު ކުރުމެވެ. ސަބަބަކީ މި ޓީމަކީ އަވަސް މުސްތަގްބަލަކަށްވުރެ ދުރު މުސްތަގްބަލެއްގައި ބޮޑު މޮޅެއް ހޯދަން ކުރި ޕްލޭނެއްގެ ފެށުން ކަމަށްވާތީ އެވެ.