ކުޅިވަރު

އަނިޔާގެ ސަބަބުން ޑި ޔޮންއަށް ޔޫރޯގައި ނުކުޅެވޭނެ


ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނެދަލަންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންއަށް މި ފަހަރުގެ ޔޫރޯގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ބާސެލޯނާއަށް ކުޅެމުން އަންނަ ޑި ޔޮންއަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވީ އެ ޓީމުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރީންނެވެ.

މިދިޔަ މާރިޗް މަހުގައި ޑި ޔޮންއަށް ކުރިމަތިވި އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރިއައުމަށްޓަކައި މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު، ނެދަލަންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން މި މުބާރާތަށް ނެގި ފައިނަލް ސްކޮޑުގައިވެސް އޭނާ ވަނީ ހިމަނާފައެވެ.

އުމުރުން 27 އަހަރުގެ ޑި ޔޮން ވަނީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ޔޫރޯގައި ނުކުޅެވޭތީވެ ދެރަވެ ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ.

"
"މިދިޔަ ދުވަސްތަކުގައި (އަހަރެމެން) ގިނަ މަސައްކަތްތަކެއްކޮށްފިން. އެކަމު ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން އިތުރު ވަގުތު ބޭނުންވޭ،"
ފްރެންކީ ޑި ޔޯން-

ޑި ޔޯން ބުނީ، ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލްކުރުމަކީ ކޮންމެ ކުޅުންތެރިއަކު ދެކޭނެ ހުވަފެނެއްކަމަށާއި، އެއީ ބޮޑު ޝަރަފެއް ކަމަށެވެ. މި ފަހަރު އެ ފުރުޞަތު ނުލިބުނުނަމަވެސް، ޓީމަށް ސަޕޯޓްކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

ކުރިން ބެލެވިފައި އޮތް ގޮތުން ކޯޗު ކޫމަން ހުރީ، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކުގައި ނުކުޅެވުނުނަމަވެސް ޑި ޔޯން ގޮވައިގެން މުބާރާތަށް ދާގޮތަށެވެ. އެކަމަކު، މުބާރާތުގެ ނޮކްއައުޓް ބުރުގެ ކުރީން ކުޅުމަށް އެނބުރި ނާދެވޭނެނަމަ އެ ވިސްނުން ބަދަލުކުރަންޖެހިދާނެ ކަމަށް އޭރު ކޫމަން ބުންޏެވެ.

ޑި ޔޯން އަށް ނުކުޅެވުމަކީ ނެދަލެންޑްސް އަށް މިފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިމަތިލާންޖެހޭނެ ބޮޑު ގޮންޖެހުމެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

2008 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދެވިފައިނުވާ ނެދަލެންޑްސް އަށް އެންމެ ފަހުގެ ޔޫރޯގައި ނާކާމިޔާބުވީ ދެވަނަ ބުރުގައި ޗެކްރިޕަބްލިކް އަތުން ބަލިވުމުންނެވެ. މިއަހަރުގެ މުބާރާތުގައި އެ ޓީމު ހިމެނުނީ ފްރާންސާއި އޮސްޓްރިއާ އަދި ޕޮލެންޑާއެކު ގްރޫޕް ޑީ ގައެވެ.