ޚަބަރު

އޮނު ޕާކާއެކު ވައިކަރަދޫ ފުރަތަމަ ކަރބަން ނިއުޓްރަލް ރަށަށް ވުމުގެ އަޒުމުގައި


  • ވައިކަރަދޫގައި އޮނު ގަސް އާލާކުރަނީ އެޓްމޯސްފިއަރ ފައުންޑޭޝަނުން

  • އެރަށުގައި އޮނު ޕާކެއް ވަނީ ހަދާފައި

  • އޮނަކީ ޖައްވުން ވިހަ މާއްދާތައް އެންމެ ގިނައިން ދަމައިގަންނަ އެއް ގަސް

ތިލަދުންމަތި ދެކުނުބުރި ވައިކަރަދޫއަކީ ބިން ބޮޑު ފެހި ރަށެކެވެ. 100 ހެކްޓަރަށްވުރެ ބޮޑު އެރަށުގައި މީހުން ދިރިއުޅެނީ ރަށުގެ ގާތްގަނޑަކަށް 37 ހެކްޓަރުގެ ސަރަޙައްދުގައެވެ. ދިރިއުޅުމުގެ އެކި ބޭނުންތަކަށް ރަށުން ބޭރަށް ހިޖުރަކުރުމުގެ ސަބަބުން 1800އަށްވުރެ ބޮޑު އާބާދީއެއް އޮތް އެރަށުގައި މިހާރު ދިރުއުޅޭ އާބާދީއަކީ 700އެއްހާ މީހުންނެވެ.

ރަށުގައި ދިރިއުޅޭ މީސްކޮޅު މަދު ނަމަވެސް، ޖަޒީރާ ރަށެއްގެ ފެހިކަމާ ހިތްހަމަޖެހުން ވައިކަރަދޫން ފުރިހަމައަށް ފެންނަންހުރެއެވެ. ރަށުގެ ރައްޔިތުންވެސް ބޭނުންވަނީ އެ ރީތި ސިފަތަށް ދޫކޮށް ނުލާ، ރަށުގެ މަސައްކަތްތައް ގެންދިއުމަށެވެ.

ވައިކަރަދޫގެ އެންމެ ޚާއްސަކަމަކީ ތިމާވެއްޓާ ރަށްޓެހި ރަށެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ވައިކަރަދޫއަކީ ރާއްޖޭގެ ފުރަތަމަ "ކަރބަން ނިއުޓްރަލް" ރަށަށް ހެދުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު އަމާޒެވެ. ކަރބަން ނިއުޓްރަލް ކުރުމަކީ، ރަށުން ޖައްވަށް ބޭރުކުރާ ވިހަ ގޭހާ އެއްވަރަށް، އެ ވިހަ ގޭސްތައް ޖައްވުން ސާފުކުރެވޭނެ ނިޒާމެއް އޮތުމެވެ. އެކަން ހާސިލުކުރުމުގައި ވައިކަރަދޫގެ ބައިވެރިއަކީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްކަމުގައިވާ އެޓްމޯސްފިއަރ ފައުންޑޭޝަންއެވެ.

އެ ފައުންޑޭޝަނުންވަނީ ގުދުރަތީގޮތުން ވައި ސާފުކުރުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާ އެއް ގަސް ކަމުގައިވާ "އޮނު" އާލާކުރުމުގެ ބޮޑު ޕްރޮގްރާމެއް އެ ވައިކަރަދޫގައި ފަށާފައެވެ.

ބިމުން މައްޗަށް ދިގަށް ހެދުނުނަމަވެސް އޮނަކީ ވިނައިގެ ބާވަތެކެވެ. އޮނުގެ ޚާއްސަކަމަށް ބަލާއިރު، ތެޔޮ އަންދައިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މާއްދާ، ކަރބަންޑައިއޮކްސައިޑް އޮނު ގަހަށް ދަމައިގަންނަ މިންވަރު އެހެން ގަސްތަކަށްވުރެ ގާތްގަނޑައަކަށް %30 އިތުރެވެ. އެހެންކަމުން އޮނު ގަސް ފާހަގަކުރެވެނީ ކަރބަންޑައިއޮކްސައިޑް އެންމެ ގިނައިން ދަމައިގަންނަ އެއްގަހުގެ ގޮތުގައެވެ.

އޮނުން ތިމާވެއްޓަށް ލިބޭ ފައިދާ ތަޖުރިބާކުރުމުގެ ޕްރޮޖެކްޓް އެޓްމޯސްފިއަރ ފައުންޑޭޝަންގެފަރާތުން ވައިކަރަދޫގައި ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އޮނު ޕްރޮގްރާމް ކުރިއަށްގެންދަނީ އެރަށުގައި ހެދި ކުޑަކުދިންގެ ޕާކުގައެވެ. އެ ޕާކަށް ނަން ދީފައިވަނީވެސް "ބެމްބޫ ޕަރކް"ގެ ނަމުންނެވެ.

އޮނުގެ 1500 އަށްވުރެ ގިނަ ބާވަތް ހުރެއެވެ. އޭގެތެރެއިން 13 ބާވަތެއްގެ އޮނު ގަސް ވައިކަރަދޫގެ އޮނު ޕާކުގައި އިންދާފައެވެ. އަދި ގަހުގެ ހެދިބޮޑުވުން ދަނީ ތަޖުރިބާ ކުރަމުންނެވެ. ބެމްބޫ ޕާކުގައި އެކަނި 83 އޮނު ގަސް އިންދާފައިވާއިރު، ރަށުގެ އެކި ސަރަހައްދުގައި ޖުމްލަ 200އަށްވުރެ ގިނަ އޮނުގަސް ވަނީ އިންދާފައެވެ.

މި މަސައްކަތާގުޅޭ ގޮތުން އެޓްމޮސްފިއަރ ފައުންޑޭޝަނުގެ ނާއިބު ރައީސް ޢަބްދުލްއަޒީޒް ޢަބްދުލްޙަކީމް ވިދާޅުވީ، އޮނަކީ ޖައްވު ސާފުކުރުމަށް އެންމެ ބޮޑު އެހީވެދޭ ގަސްކަމަށެވެ.

އޭނާ ވިދާޅުވީ އޮނު އިންދުމުގެ ސަބަބުން ވައިކަރަދޫގެ ޖައްވުގައި ހުންނަ ގޭހުގެ މާއްދާތަކަށް އަންނަ ބަދަލު ދެނެގަތުމަށް ދިރާސާއެއް ކުރަން ނިންމާފައިވާކަމަށެވެ. މިއާއެކު އެރަށް ކަރބަން ނިއުޓްރަލް ރަށަކަށް ހެދުމާ ކުރާ މަސައްކަތުގައި ދާންވީ މިސްރާބު އެނގިގެންދާނެކަމަށް އަބްދުލްއަޒީޒް ވިދާޅުވިއެވެ.

"މި ކާބަން އޮޑިޓް ދިރާސާގައި ބަލާނަން ރަށުގައި އަންދާ ތެލާ، ޖައްވަށް ބޭރުވާ ވިހަ ގޭސް ހުރި މިންވަރު. އޭރުން އިނގޭނެ ދެން މަސައްކަތް ކުރަންވީ މިސްރާބު. ބެލެންސްކުރަން ކިހާ އޮނު ގަހެއް އިންދަންޖެހޭކަން." އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނާއިބު ރައީސް ޢަބްދުލްއަޒީޒް ޢަބްދުލްޙަކީމް ވިދާޅުވިއެވެ.

ވައިކަރަދޫގައި އިންދާފައިވާ އޮނު ގަސްތައް ގާތްގަނޑަކަށް 30 އާއި 40 މީޓަރު ދިގުމިނުގައި ހެދޭނެއެވެ. ގަދަ ވައިން ސަލާމަތްވުމަށްވެސް އޮނު ފީނި ބޭނުންކުރެއެވެ. ވައިކަރަދޫގައި ދަނޑުވެރި ރަށަކަށްވުމާއެކު، ރަށުގެ ދަނޑުތައް ގަދަ ވައިން ސަލާމަތްކުރުމަށް އެރަށުގައި ދަނޑުތައް ހިމެނޭ ސަރަޙައްދުގައިވެސް އޮނު ވަނީ އިންދާފައެވެ.

ވައިކަރަދޫގައި ފަށާފައިވާ އޮނު އާލާކުރުމުގެ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ދަނީ ކުރިއަށްދާކަން އެޓްމޯސްފިއަރ ފައުންޑޭޝަނުން ފާހަގަކުރެއެވެ.

އެޓްމޯސްފިއަރ ފައުންޑޭޝަންއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އޮނު ހަދިޔާކޮށް އާލާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ޕްރޮގްރާމަށް ބޭނުންވާ އޮނު ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގައި ބަލަހައްޓަނީ އެކަމަށް ޚާއްސަ ނަރސަރީއެއްގައެވެ. މިހާތަނަށް ރާއްޖޭގައި މީހުންދިރިއުޅޭ 10 ރަށެއްގައި 3200 އަށްވުރެ ގިނަ އޮނުގަސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އިންދާފައެވެ.

އެޓްމޯސްފިއަރ ފައުންޑޭޝަންގެ ޢަމާޒަކީ ރާއްޖެ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި، އޮނު އާލާކޮށް މި ޕްރޮގްރާމްގެ ޙިއްސާ ވީހާވެސް ބޮޑަށް އިތުރުކުރުމެވެ.

އެ ފައުންޑޭޝަނުން އެހީތެރިކަން ހޯދުމުންދާ އިންޑިއާގެ އެގްރިކަލްޗަރަލް ސައިންޓިސްޓް، ޑރ.ބާރަތީ ނަމްބީ ފާހަގަކުރައްވާގޮތުން، ރާއްޖޭގެ އާބާދީގެ ކޮންމެ މީހަކު 14 އޮނުގަސް އިންދައި އާލާކޮށްފިނަމަ، ކަރބަން ނިއުޓްރަލް ޤައުމަކާއި ދާދި ގާތަށް ރާއްޖެއަށް ދެވޭނެއެވެ.

އޮނުގަހަކީ ތިމާވެށީގެ ބޭނުންތަކުގެ އިތުރުން، ފަރުނީޗަރާއި އެހެނިގެން ތަކެތި ހެދުމަށް ބޭނުންކުރާ ވަރުގަދަ ލަކުޑީގެ ބާވަތެއްވެސްމެއެވެ. އޮނުގަހުގެ ކޮންމެ ބަޔަކީވެސް އެކި ބޭނުންތަކަށް ބޭނުންކުރެވޭ ބާވަތެކެވެ.