ޚަބަރު

ރައީސް މުޢިއްޒުއާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު: ޖައިޝަންކަރު


  • އިންޑިއާ ސަރުކާރުން ދެކޭ ގޮތުގައި ދެ ޤައުމުގެ މެދުގައި ކާމިޔާބު މަޝްވަރާތަކެއް ބޭއްވުނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު އިންޑިއާ ސަރުކާރުން ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ މަޤާމާއި ހަވާލުވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަބަދުވެސް އިސްކަންދޭނީ އަވަށްޓެރިންނަށްކަމަށާއި، އެ ސިޔާސަތު އަބަދުވެސް ދަމަހައްޓަވާނެކަމަށެވެ. އެގޮތުން މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ހުރިހާ ޤައުމަކުންވެސް ވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމާއި އުފާކުރައްވާކަން ޖައިޝަންކަރު ހާމަކުރެއްވިއެވެ.

ރާއްޖެއާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޖައިޝަންކަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި، ވަރަށް މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހަަށް ޒިޔާރަތްކުރެއްވުމުގެ ޝަރަފު އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވިކަމަށާއި، އަދި އެ ބައްދަލުވުމަކީ ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޤާމުގެ 3 ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ސަރުކާރުންނާއި މީޑިއާތަކުން އަންނަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން، އެ ޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫއާ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ވަނީ ވަރަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ "ނޭބަރހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން އިންޑިއާގެ ރައީސް ފާޅުކުރެއްވިއެވެ.