ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފެށިގެން އައިއިރު، މާފުއްޓަކީ އެންމެ ފުރަތަމަ ގެސްޓް ހައުސްތައް ހިންގަން ފެށި އެއް ރަށެވެ. މާފުށީގައި އެ ވިޔަފާރި ފުޅާކުރަމުންގޮސް މިއަދު އެ ރަށަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް ރަށްވެސްމެއެވެ. ގެސްޓް ހައުސް ވިޔަފާރި މާފުށީގައި ފުޅާވެފައި އޮތް މިންވަރުން، މާފުށްޓަކީ މާލެ ސަރަހައްދު ފިޔަވައި ޑޮލަރުގެ މުއާމަލާތް އެންމެ ބޮޑަށް ހިނގާ އެއް ރަށެވެ. ނަމަވެސް މާފުށީގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ކުރިއަރަމުންދިޔަނަމަވެސް އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ދައްޗަކީ ޑޮލަރު ނެގުމާއި ޖަމާކުރުމަށް ދިމާވެފައި އޮތް ދަތިކަމެވެ. ނަމަވެސް އެމްޑީޕީގެ ދެ ސަރުކާރު ނިމިގެންދިޔައިރުވެސް އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައި ނުވާކަމީ ފެންނަން އޮތް ހަޤީޤަތެކެވެ.
މާފުށީގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ދިމާވެފައި އޮތް ޑޮލަރު އޭޓީއެމްއެއް ނެތުމުގެ ދަތިކަމަށް ހައްލު ގެނެސްދެއްވާނެކަމަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ހަމައެކަނި ރިޔާސީ ކެނޑިޑޭޓަކީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މާލެ އަތޮޅު ގުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ މާފުށީގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ދަތިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ އޭޓީއެމް މާފުށީގައި ބަހައްޓައިދެއްވާނެކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ މާފުށީ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ.
"އެހެން ރަށްތަކުން އެދެނީ ދިވެހި ރުފިޔާގެ އޭޓީއެމް އެކަނި ބަހައްޓަން. އެއީ އެ ރަށްތަކުގައި ޑޮލަރުގެ ވިޔަފާރި އެހާ ބޮޑަށް ނުހިނގާތީއެވެ. ޑޮލަރުގެ ވިޔަފާރި އެންމެ ބޮޑަށް ހިނގާ އެއް ރަށަކީ މާފުށްޓަށްވާއިރު، ޑޮލަރުގެ މުއާމަލާތްކުރާ ވިޔަފާރިވެރިންނަށް އެންމެ ބޭނުންވާނެ އޭޓީއެމްއަކީ ޑޮލަރުގެ އޭޓީއެމްއަށްވާއިރު. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މާލެއިން ބޭރުގައި އަދި ނެތް ޑޮލަރު އޭޓީއެމްއެއް ބެހެއްޓިފައި. އެހެންކަމަށްވާކަމަށް ވަންޏާ މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހެއްޓޭ ރަށަކަށް މާފުށިވެގެންދާނެ" ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ވެވަޑައިގަންނަވާ ވައުދުގެ މަތިން ބައެއް ބޭފުޅުން ހަނދުމަފުޅު ނުހުންނަމަވެސް، ރައީސް މުއިއްޒު ފާހަގަވެފައިވަނީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ވައުދުތައް ފުއްދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް މިދިޔަ ފެބްރުއަރީމަހުވެސް ވަނީ މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަވާނީ ކޮންއިރަކުތޯ ބެއްލުމަށް ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އެ މަސައްކަތް މިއަހަރު ފުރިހަމަ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަށް އެ އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވި އެއް ވާހަކަފުޅަކީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދައުރުގެ ފަހު އަހަރަށް މަޝްރޫޢުތައް ބަހައްޓަން ނޫން ކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫޢުތައް ވީހާވެސް އަވަހަށް ކުރިއަށްގެންދިއުންކަމަށެވެ. އެގޮތުން މާފުށީ ޑޮލަރު އޭޓީއެމްއެއް ބަހައްޓަން ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގިނަ ދުވަސްތަކެއް ހޭދަނުކޮށް، މިއަދު މިވަނީ އެ ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓައި ދެއްވާފައެވެ.
ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފައިވާއިރު، މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނެއެވެ.
ޑޮލަރު އޭޓީއެމްއެއް މާފުށީގައި ބެހެއްޓުމުން، ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ މިއީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ޑޮލަރު އޭޓީއެމްއެމްގެ އިތުރުން، ޑޮލަރު ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުންވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާވެސްކޮށްފައެވެ. އެގޮތުން މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މާފުށީގައި ޑޮލަރު އޭޓީއެެމްއެއް ބަހައްޓާފައިވާއިރު، އެ ރަށަށް ވެވަޑައިގެންފައިވާ އެހެން ވައުދުތައް ފުއްދެވުމަށްވެސް އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ މަސައްކަތްކުރަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ވެވަޑައިގެންެވި ވައުދު ފުއްދެވިފަދައިން ދެން ހުރި ވައުދުތައްވެސް ފުއްދަވާނެކަމުގެ ޔަގީންކަން މިއަދު އެ ރަށު ރައްޔިތުންނަށް ލިބިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.